ބޮންޑެޑްވެއާހައުސްތަކަކުން ސިނގިރެޓް ގެއްލުނު މައްސަލއެއްގައި ކަސްޓަމްސް އަށް ލިބެންޖެހޭ ފައިސާ ހޯދައިދިނުމަށް ބަންޑާރަނައިބް އޮފީހުގައި އެދިއްޖެ އެވެ.
ކަސްޓަމްސް އިން ބަންޑާރަނައިބް އޮފީހުގައި އެދިފައިވަނީ، އެގްޒޯޓިކް އެންޓަޕްރައިޒަސް އާއި އެސްޖީއެމް ބޮންޑެޑް ވެއާހައުސް ގައި ރައްކާކޮށްފައިހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ގެއްލިފައިވާ މައްސަލާގައި އެ ދެ ކުންފުނިން ކަސްޓަމްސް އަށް ލިބެންޖެހޭ 67 މިލިއަން ރުފިޔާ ހޯދައި ދިނުމަށެވެ.
އޭގެ ތަފްސީލުގައި ކަސްޓަމްއިން ބުނީ އެގްޒޯޓިކުން ބޮންޑެޑް ވެއާ ހައުސް، ކަސްޓަމްސް އިން ޗެކުކުރިއިރު އެ ތަނުގައި ހުންނަން ޖެހޭ ކެމަލް ޔެލޯ ބްރޭންޑުގެ 165 ކޭސް ސިނގިރޭޓާއި އެމެރިކަން ލެޖެންޑް ބްރޭންޑުގެ 110 ކޭސް ސިނގިރޭޓާއި މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑުގެ 300 ކޭސް ސިނގިރޭޓާއެކު ޖުމްލަ 575 ކޭސް ސިނގިރޭޓް ގަވާއިދާ ހިލާފަށް އެ ތަނުން ނެރެފައި ވާކަމަށާއި އެ ކުންފުނިން ކަސްޓަމްސްއަށް ނޭނގި ނެރެފައިވާ ސިގިރެޓަށް ޖުމްލަ 47.2 މިލިއަން ރުފިޔާ ކަސްޓަމްސް އަށް ލިބެންޖެހޭ ކަމަށެވެ.
އަދި އެސްޖީއެމް ބޮންޑެޑް ވެއާހައުސްގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ތަން ޗެކްކުރިއިރު އެ ތަނުގައި ހުންނަން ޖެހޭ އެމެރިކަން ލެޖެންޑް ބްރޭންޑުގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލާސެސް ބްރޭންޑުގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ހިލާފަށް އެތަނުން ނެރެފައިވާ ކަމަށާއި އަދި އެ ކުންފުނިން ކަސްޓަމްސްއަށް ނޭނގި ނެރެފައިވާ ސިގިރެޓަށް ޖުމްލަ 20.7 މިލިއަން ރުފިޔާ ކަސްޓަމްސް އަށް ލިބެންޖެހޭ ކަމަށެވެ.
އެހެންކަމުން އެ ދެމައްސަލާގައި ކަސްޓަމްސް އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަސްޓަމްސް އިން ދައުލަތުގެ ބަންޑާރަނައިބް އޮފީހުން އެދެފައިވާއިރު އެ މައްސަލަތައް ކަސްޓަމްސް އިންދަނީ ފުލުހުންނާ ގުޅިގެން ތަހުގީގުކރަމުންނެވެ







