މާލެ: 31°C

ބޮޑު ތުހުމަތެއް އަމާޒުވުމާއެކު ޖާބިރު ރަތަށް!

ބޮޑު ތުހުމަތެއް އަމާޒުވުމާއެކު ޖާބިރު ރަތަށް!
March 21, 2023
2 ފަހަރު ބަލާފައި
ބޮޑު ތުހުމަތެއް އަމާޒުވުމާއެކު ޖާބިރު ރަތަށް!
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީޒު ކުރެއްވި ތުހުމަތަކާ އެކު ޖާބިރު ކޯފާވެ، މަޖިލީހުގައި އަޑުގަދަ ކުރައްވައި ވަރަށް ހުތުރުކޮށް މިއަދު ވާހަކަ ދައްކަވައިފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ޒަރީރު ވިދާޅުވީ "މަތިވެރި ފިނޮޅަށް އަރައި ޖާބިރު ޖަހާ ސަކަރާތް ހުއްޓައިލަން" އެދިވަޑައިގަންނަވާ ކަމަށެވެ. އެތަނަށް ގޮސްތިބި ޓޫރިސްޓުންގެ ބަޔަކާ ދިމާލަށް ޖާބިރު ހަޅޭއްލެވި ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. "އަޅުގަނޑު ހަމަ އިޚުލާސްތެރި ކަމާ އެކު ޖާބިރު އަރިހުން އެދެން، މަތިވެރި ފިނޮޅަށް އަރައި ތިޔަ ޖަހާ ސަކަރާތް ހުއްޓައިލާށޭ. އެކަން ހުއްޓައިލާށޭ. ކުރީ ދުވަހު ވެސް އިއްޒަތްތެރި ރައީސް އިއްޒަތްތެރި ރައީސް، އެ ފިނޮޅުގައި ޓޫރިސްޓުން ތިއްބައި އެތަނަށް އަރައި އެމީހުން ބާލައި އެމީހުންނާ ދިމަޔަށް ހެއްދެވި ނުހެއްދެވިޔަށް ގޮވި،" ޒަރީރު ވިދާޅުވި އެވެ. އެއާ އެކު ނިޒާމާ ބެހޭ މައްްސަލަައެއް ކަމަށް ވިދާޅުވެ ފުރުސަތެއް ހޯއްދަވައިގެން ޖާބިރު ވިދާޅުވީ މީން ދުވަހަކު ވެސް މަތިވެތި ފިނޮޅަށް ވަޑައި ނުގަންނަވާ ކަމަށާއި އެހެން ނަމަވެސް އޭނާގެ ހުއްދަ ނެތި އެތަނަށް އެއްވެސް ބަޔަކަށް ނޭރޭނެ ކަމަށެވެ. ފުރުސަތު ނިމި ޖާބިރުގެ މައިކްގެ އަޑު ކަނޑައިލި ފަހުން ވެސް އޭނާ އަޑުގަދަ ކުރެއްވި އެވެ. އޭނާ ވިދާޅުވަމުން ގެންދެވީ މަތިވެރި ފިނޮޅަށް "އެރީ ޖާބިރު ނޫން ކަމަށާއި ޖާބިރުގެ ރޫހު" ކަމަށެވެ. ޖާބިރުގެ އެ ވާހަކައަށް ރައްދު ދެއްވައި ޒަރީރު ވިދާޅުވީ "ދުވާލު ވެސް މިއީ ރޭގަނޑޭ ބުނެވިދާނެ" ކަމަށެވެ. ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ހޯއްދެވި ދެވަނަ ފުރުސަތުގައި ވެސް ޖާބިރު ވިދާޅުވީ މަތިވެރި ފިނޮޅަށް މީން ދުވަހަކު ވެސް ވަޑައިނުގަންނަވާ ކަމަށާއި އެހެން ނަމަވެސް އޭނާގެ ހުއްދަ ނެތި އެތަނަށް އެއްވެސް މީހަކަށް ނޭރޭނެ ކަމަށެވެެ. އެއަށް ފަހު އަޑުގަދަ ކުރައްވާ މެމްބަރު ޒަރީރާ މުހާތަބު ކުރެއްވީ ވަރަށް ހުތުުރުކޮށެވެ. "މެމްބަރުކަން ކަލޭ ކުރޭ. ކަލޭ މެމްބަރުކަން ކުރާށޭ،" ޒަރީރު ވާހަކަ ދައްކަަވަމުން ގެންދެވި އިރު ޖާބިރު ލެވި ހަޅޭކުގެ ތެރެއިން އިވުނެވެ. ޒަރީރު ވިދާޅުވީ އޭނާއަށް ވެސް އަދި މަތިވެރި ރައްޔިތުންނަށް ވެސް ބިރު ނުދެއްކޭނެ ކަމަށެވެ. "ބިރެއް ނުދެއްކޭނެ، މިއީ އެޒަމާނެއް ނޫން. އަބްދުﷲ ޖާބިރަކަށް މަތިވެރި ރައްޔިތުންނަކަށް ބިރެއް ނުދެއްކޭނެ. ޖެއްސުމެއް ނުކުރެވޭނެ،" ޒަރީޒު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ