މާލެ: 31°C

ބޮޑެތި ކުށްތަކުގެ މައްސަލަތައް ނުނިމި ލަސްވުމުން ކުށް ސާބިތުކުރަން އުނދަގޫވޭ: ޝަމީމް

February 26, 2023
2 ފަހަރު ބަލާފައި
ބޮޑެތި ކުށްތަކުގެ މައްސަލަތައް ނުނިމި ލަސްވުމުން ކުށް ސާބިތުކުރަން އުނދަގޫވޭ: ޝަމީމް
ބޮޑެތި ކުށްތަކުގެ މައްސަލަތައް ނުނިމި ލަސްވުމުން ކުށް ސާބިތުކުރަން އުނދަގޫވޭ: ޝަމީމް
ބޮޑެތި ކުށްތަކުގެ ތުުހުމަތަށް ހައްޔަރުކޮށް ބަންދުގައި ތިބި އެތައް ބަައެއްގެ މައްސަލަތައް ކޯޓްތަކުން ނުނިމި ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެެގޮތަށް ލަސްވުމަކީ ކިށް ސާބިތުކުރަން އުނދަގޫވާ ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި މިއަދު ބޭއްވި މީޑިއާބްރީފިން އެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ މައްސަލަތައް ނިމުން އަވަސްވާ ވަރަކަށް ކުށް ސާބިތުވުމުގެ ފުރުސަތު ބޮޑުވާކަން އެއީ އެނގޭ ހަގީގަތެއް ކަމަށެވެ. މައްސަލަތައް ނުނިމި ލަސްވުމަކީ އޭނާ ވިދާޅުވި ގޮތުގައި ހެކިން ހާޒިރުކުރަން އުނދަގޫވުމާއި އެހެނިހެން ނުފޫޒުތައް ވެސް އެ މައްސަލައެއްގެ ތެރެއަށް އަންނަ ކަމެކެވެ. "ނުނިމި ލަސްވާ ވަރަކަށް ހެކިން ހާޒިރުކުރުމުގެ ކަންތައް ވެސް އުނދަގޫވޭ. އެހެން ކަހަލަ ނުފޫޒުތައް ވެސް އޭގެ ތެރެއަށް ވަދޭ. އެހެންވީމާ އަވަހަށް މައްސަލަ ނިންމުމަކީ ހުރިހާ އެންމެންގެ މަސްލަހަތުގައި އޮތް ކަމެއް. އެހެންވީމާ އެމަގަށް އަޅުގަނޑުމެން މަސައްކަތް އިރާދަކުރެއްވިއްޔާ ކުރެވޭތޯ މި ބަލަނީ،" ޝަމީމް ވިދާޅުވި އެވެ. ޝަމީމް ވިދާޅުވި ގޮތުގައި ބޮޑެތި ކުށްތަކުގެ ތުހުމަތުވާ އެތައް ބަޔަކު އެމީހުންގެ މައްސަލަތައް ނުނިމި މިހާރު ވެސް ބަންދުގައި އެބަ ތިއްބެވެ. އޭގެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވޭ އެތައް ބަޔަކު ވެސް ހިމެނޭ ކަަމަށް އޭނާ ވިދާޅުވި އެވެ. "މިއަދު ވެސް ބަންދުގައި އެބަ ތިބި ކުޑަކުދިންނަށް ޖިންސީގޯނާކުރާ 110 މީހުންނަށް ވުރެ ގިނަ މީހުން، މައްސަލަ ނުނިމި ބަންދުގައި. މަރުގެ މައްސަލަތަކުގައި ހިމެނޭ އެތައް ބައިވަރު ބަޔަކު އެބަތިބި ބަންދުގައި ނުނިމި،" ޝަމީމް ވިދާޅުވި އެވެ. މައްސަލަތައް އަވަސްކުރުމަށް ޓަކައި ޕީޖީ އޮފީހުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަމަކު އެކަމަށް ހައްލެއް ނުލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަށް ފަހު ޝަރީއަތް ނުނިމި ލަސްވާ މައްސަލަ، ގާނޫނަށް ބަދަލު ގެނެސްގެން ހައްލުކުރެވޭތޯ ވެސް މަސައްކަތް ކޮށްފައި ވާނެ ކަމަށާއި އެކަމާ ބެހޭ އިންޓާނަލް ރިވިއުއެއް ވެސް ހަދާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ދެން މިހެން ގޮސް މިކަމާ ބެހޭ ގޮތުން އަޅުގަނޑުމެން ނުކުރާ ކަމެއް [ނެތް]. އަޅުގަނޑޫމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ގާތްގަނޑަކަށް މިހާރު ކުރެވިއްޖެ. މިދިޔަ އަހަރު ތެރޭ އަޅުގަނޑުމެން ވާނެ ޖުޑިޝަރީއާ އެއްކޮށް ހާއްސަ ޕްރޮގްރާމެއް ވެސް ހިންގާފައި، އެގޮތަށް ހުރި މައްސަލަތައް ނިންމޭތޯ ބަަލަން ވެެގެން. އެ ޕްރޮގްރާމް ހަތަރުމަސް ފަސްމަސް ވަންދެން ހިންގީމާ ލިބުނު ނަތީޖާ އެހާ ރަނގަޅެއް ނޫން،" ޝަމީމް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ މައްސަލަ ހައްލުކުރަން ކޮންމެވެސް ކަމެއް ކުރުމަށް ޓަކައި އެކަމާ ގުޅޭ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދެން ކުރަން ގަސްދުކުރާ ކަންތައް އެ ރިޕޯޓްގައި ހިމަނާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑު މި ގަސްދުކުރަނީ ކައިރި މުސްތަގުބަލެއްގައި، މިވަގުތު ބަންދުގައި ތިބި ހުރިހާ މީހުންގެ ނަންތަކާ، އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތަކާ އެންމެ ފަހުން އަޑުއެހުމެއް ބޭއްވި ދުވަހާ ދެން އަޑުއެހުމެއް ތާވަލުކުރެވިފައި އޮތް ދުވަހާ އެ މައްސަލަ ބައްލަވާ ފަނޑިޔާރުގެ ނަމާ ، މި މައުލޫމާތު އާއްމުކުރަން،" ޝަމީމް ވިދާޅުވި އެެވެ. ޝަމީމް ވިދާޅުވި ގޮތުގައި އެ މައުލޫމާތު އާއްމުކުރާނީ އެންމެ ފަހުގެ އަދާހަމައާ އެކު ފެންނަ ގޮތަށެވެ. އެގޮތަށް ނިންމެވީ އެކަން ހައްލުވޭތޯ ވަރަށް ގިނަ ގޮތް ގޮތަށް މަސައްކަތް ކުުރުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ