ސިވިލް ކޯޓުން މިއަދު ނިންމެވި ނިންމެވުމެއްގައި ވަނީ ކައިޒީން އެދުނު ގޮތަށް އަމުރު ނުދިނީ އެ އަމުރުގައި އެދިފައިވާ ކަންކަމަކީ މައްސަލައިގެ މައުލޫއާ ގުޅުން ހުރި ކަންކަމަށްވެފައި، މައްސަލަ ނިންމާއިރު އެ ކަންކަމަށް ރިއާޔަތް ކުރާނެތީ ކަމަށެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކުރިން ވަނީ އެ މައްސަލަ ނިމެންދެން، ބޯޓުގެ މިލްކުވެރިކަން ބަދަލު ނުކުރުމަށާއި އަދި ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރަން ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެފަ އެވެ. މިދިޔަ ޑިސެމްބަރު މަހު ނެރުނު އެ އަމުރުގައި އަމުރުގައިވަނީ ބޯޓު ގަތުމަށް ފައިސާ ދިނީ ކައިޒީން ކަން ސާބިތުކުރަން ހެކިތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބޯޓު ހުރިހާ މުދަލަކާއެކު ތިން ދުވަހުގެތެރޭގައި ކައިޒީންއާ ހަވާލުކުރުމަށް އަމުރުކޮށްދިނުމަށްވެސް އޭނާ ވަނީ ކޯޓުގައި އެދިފައެވެ.
ކައިޒީން އޭނާގެ ބައްޕައާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އޭނާގެ ބައްޕައާއި ހަވާލުކޮށްގެން ގަތް ބޯޓު ބައްޕަގެ ނަމަށް ރަޖިސްޓްރީ ކުރުމާއި ގުޅިގެންނެވެ. ކައިޒީން ބޭނުންވަނީ މި ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކުރާށެވެ. ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ވެސް މިބޯޓުގެ ރަޖިސްޓްރީ ބައްޕަގެ ނަމުން އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ. 3.6 މިލިއަން ރުފިޔާގެ އަގުހުރި މި ބޯޓުގެ ނަމަކީ ”މިހިރީ ނަންބަރު 5“އެވެ. ކައިޒީން ކޯޓަށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ އޭނާގެ ބައްޕަ އިބްރާހިމް އަލިފުޅު އޭނާގެ ނަމަށް ބޯޓު ރަޖިސްޓްރީ ކޮށްފައިވަނީ ކައިޒީންގެ ހުއްދައާ ނުލާ ކަމުގައެވެ. އެހެންކަމުން މި މައްސަލަ ނިމެންދެން ބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުވާނެ ގޮތަކަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ކައިޒީން އެދުނުގޮތަށް ކޯޓުންވަނީ ވަގުތީ އެމުރެއްވެސް ނެރެފައެވެ. ކޯޓުން ނެރުނު ވަގުތީ އަމުރުގައިވަނީ، ކޯޓުން މިމައްސަލަ ނިމެންދެން ބޯޓު އެއްވެސް ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި އަދި ބޯޓުގެ މިލްކުވެރިކަންވެސް އެއްވެސް ފަރާތަކަށް ބަދަލު ނުކުރުމަށެވެ. ކޯޓުގައި ވަކާލާތު ކުރަމުން ކައިޒީންގެ ބައްޕަ ބުނެފައިވަނީ ބޯޓު ގަތް ފަރާތަކީ އޭނާކަން އެގެން އޮންނާނެ ކަމަށެވެ. މީގެއިތުރުން އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ދަރީންގެ މުދަލަކީ މައިންބަފައިގެން މުދާ ކަމަށާއި، ދަރީންގެ މުދާ މައިންބަފައިން ބޭނުން ކޮށްގެން ކޯޓުގައި ދާއުވާ ނުކުރެވޭނެ ކަމުގައެވެ.






