މާލެ: 31°C

ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސްތަކުން އިންޑިއާގެ "ރުޕޭ" ކާޑު އެކްސެޕްޓް ކުރަން ފަށައިފި

ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސްތަކުން އިންޑިއާގެ "ރުޕޭ" ކާޑު އެކްސެޕްޓް ކުރަން ފަށައިފި
October 7, 2024
3 ފަހަރު ބަލާފައި
ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސްތަކުން އިންޑިއާގެ "ރުޕޭ" ކާޑު އެކްސެޕްޓް ކުރަން ފަށައިފި
ބޭންކް އޮފް މޯލްޑިވްސްއިން (ބީއެމްއެލް) ގެ އޭޓީއެމް އަދި ޕީއޯއެސް ޓަރމިނަލްތަކުގައި ރުޕޭ ކާޑް ބޭނުންކުރެވޭގޮތް ހަމަޖައްސައިފިއެވެ. މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކުގައި ބޭއްވި ހާއްސަ ބައްދަލުވުމުގެ ތެރެއިންނެވެ. މި ހިދުމަތާ ގުޅިގެން މިއަދު އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މި ހިދުމަތުން ރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާވެ، ވިޔަފާރީގެ މުއާމަލާތްތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް އަދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވާން މަގުފަހިވާނެ ކަމަށެވެ. އިންޑިއާގެ ފަތުރުވެރިންނަކީ ރާއްޖޭގެ ބާޒާރުގައި މުހިންމު ދައުރެއް އަދާކުރާ ބަޔެއް ކަމަށާއި، އިންޑިއާގެ ފަތުރުވެރިން ރާއްޖޭގައި ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށްޓަކައި މިއަދުން ފެށިގެން މި ކާޑު ރާއްޖޭގައި ބޭނުންކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުންއެ ބަޔާނުގައި ބުނެފައިވަނީ، އިންޑިއާއަކީ ރާއްޖޭގެ ވިޔަފާރީގެ މުހިންމު ބައިވެރިޔަކަށްވާއިރު، ރުޕޭ ކާޑުގެ ހިދުމަތުގެ ސަބަބުން، ދެ ގައުމުގެ ދެމެދު ކުރެވޭ މުއާމަލާތްތައް ފަސޭހަކުރެވި، ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް މަގުފަހިވެ، ވަކިން ހާއްސަކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން، އިންޑިއާއާއެކު ވިޔަފާރި ކުރުމުގައި ލުއިތަކެއް ލިބޭނެކަމަށެވެ. "މިއަދު ރާއްޖެއަށް ތައާރަފްކުރެވުނު ރޫޕޭ ކާޑްގެ ހިދުމަތަކީ ޒަމާނީ ފައިސާގެ ނިޒާމްތަކާއި ޕޭމެންޓް ވޮލެޓްތައް އަދި އައު ޑިޖިޓަލް ފައިނޭންސް ސިސްޓަމްތައް ރާއްޖެއަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް" ބަޔާނުގައި ބުނެފައި ވެއެވެ. ރައީސް ޑރ. މުއިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ ބައްދަލުކުރެއްވުމަށް ފަހު، ދެ ބޭފުޅުން އެކުގައި ދެއްވި މީޑިއާ ސްޓޭޓްމަންޓް ފެއްޓެވުމުގެ ކުރިން ވަނީ ރާއްޖޭގައި، ރުޕޭ ކާޑުގެ ފުރަތަމަ ޓްރާންސެކްޝަން ހެދި މަންޒަރު ލައިވްކޮށް ދައްކާލައިފައެވެ. އެއީ މާލޭގެ ފިހާރައެއްގައި ހެދި ޓްރާންސެކްޝަނެކެވެ. ރުޕޭ ކާޑު ތައާރަފުކުރުމާ އެކު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ