މާލެ: 31°C
"ބިންވެރިޔާ" ސްކީމްގެ ދަށުން މިހާތަނަށް 8،250 މީހަކު ގޯތީގެ ރަޖިސްޓްރީގައި ސޮއިކޮށްފި

"ބިންވެރިޔާ" ސްކީމްގެ ދަށުން މިހާތަނަށް 8،250 މީހަކު ގޯތީގެ ރަޖިސްޓްރީގައި ސޮއިކޮށްފި

February 25, 2024
3 ފަހަރު ބަލާފައި
"ބިންވެރިޔާ" ސްކީމްގެ ދަށުން މިހާތަނަށް 8،250 މީހަކު ގޯތީގެ ރަޖިސްޓްރީގައި ސޮއިކޮށްފި
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 8،250 މީހަކާއެކު އެގްރީމަންޓްގައި ސޮއިކޮށް ރަޖިސްޓަރީ ހަވާލު ކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ 9،000 ގޯތި ހުޅުމާލެ ދެއަކާއި އަލަށް ހިއްކާ ހުޅުމާލެ ތިނެއް އަދި ގުޅިފަޅުންނާއި ގިރާވަރުފަޅުން ދޭން ނިންމާފައެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް 8،250 މީހުންނަށް އެގްރީމެންޓުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކުރެވިފައިވާއިރު، ބިން ލިބިފައިވާކަމުގެ ލިޔުން 118 މީހުންނަށް ހަވާލުކުރެވިފައިވާ ކަމަށެވެ. ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލުނުކުރެވޭ 303 މީހަކު ވެސް އުޅޭ ކަމަށް އަދި އެ މިނިސްޓްރީން ބުނެއެވެ. އަދި އެޕްލިކަންޓުން ބިން ދޫކޮށްލަން އެދިފައިވާތީ ސޮއި ނުކުރެވި ހުރި ފަރާތްތަކުގެ އަދަދު 16 އަށް އަރާއިިރު، އެޕްލިކަންޓް/ އެޕްލިކަންޓުން ނިޔާވުމުގެ ސަބަބުން ސޮއި ނުކުރެވި ހުރި 12 ފަރާތްތެއް ވެސް ހުރި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ހައުސިން މިނިސްޓްރީން ބުނީ އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 ފޯމެއްގައި އަދި ސޮއި ނުކުރެވި އޮތް ކަމަށެވެ. ނަމަވެސް މިހާރު 212 އެގްރީމަންޓެއްގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. "ބިންވެރިޔާ" ސްކީމުގެ ދަށުން ބިންތަކުގެ އެގްރީމަންޓުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ގޯތި ލިބިފައިވާކަމުގެ ލިޔުން ހަވާލު ކުރެވިފައި ނުވާ މީހުންނަށް ގުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެ މިނިސްޓްރީން ގުޅާނީ 4004994 އާއި 4004797 އިންނެވެ. މި ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރިއިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ މީހުންގެ އަދަދަކީ 19،631 އެވެ. އޭގެ ތެރެއިން، 18،948 ފަރާތަކަށް ވަނީ ގޯތިދީފައެވެ. އެގޮތުން، ގުޅިފަޅުން 2،218 ގޯތި ދޫކޮށްފައިވާއިރު ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ވަނީ ދޫކޮށްފައެވެ. އޭގެ އިތުރުން، މި ސަރުކާރުން ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ހިއްކަން ފަށާފައިވަނީ ފުށިދިއްގަރުފަޅެވެ. ރަސްމާލެ ނަމުގައި އެ ސަރަހައްދު ތަރައްގީ ކުރުމުގެ ވަރަށް ބޮޑު ޕްލޭނެއް ސަރުކާރުން ގެންގުޅެއެވެ. ވެރިކަމުގެ ފުރަތަމަ މަސް ދުވަހު ރަސްމާލެ ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ. 8 މަސް ދުވަހުން ބިން ހިއްކުމަށް ތާވަލްކޮށްފައިވާއިރު، އެއީ މިހާރު ހުޅުމާލެ އޮތް ސައިޒުގެ ތިން ގުނަ ބޮޑު ބިމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ