ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގެ ހަ ގައުމެއްގައި ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގައެވެ. މިއީ ރޯދަމަހެއްގައި އިންތިހާބެއް ބާއްވާ ފުރަތަމަ ފަހަރަށްވުމުން، ގިނަ ޕާޓީތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ވޯޓުފޮށި ބަހައްޓާ 6 ގައުމާއި ސިޓީ:
- އިންޑިއާ - ޓްރިވެންޑްރަމް
- ސްރީލަންކާ - ކޮލަމްބޯ
- މެލޭޝިޔާ - ކުއަލަލަމްޕޫރު
- ތައިލެންޑް - ބެންކޮކް
- އިނގިރޭސިވިލާތް - ލަންޑަން
- ޔުނައިޓެޑް އެރެބް އެމިރޭޓްސް - އަބޫދާބީ
މަޖިލިސް އިންތިހާބުގައި ބޭރުގެ ހަ ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ނިންމާފައިވާއިރު، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވަނީ ބޭރުގެ ފަސް ގައުމެއްގައި ވޯޓުފޮށި ބެހައްޓާފައެވެ. އޭގެ ތެރޭގައި، އިންޑިއާ، ސްރީލަންކާ، މެލޭޝިޔާ، އިނގިރޭސިވިލާތުގެ އިތުރުން ޔޫއޭއީ ހިމެނެއެވެ.
އީސީން ވަނީ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ވޯޓުފޮށި ބަހައްޓާ ތަންތަނުގެ މައުލޫމާތު ވެސް އެ ކޮމިޝަނުން ވަނީ އާންމުކޮށްފައެވެ.