ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް ހަތަކުން ފަހަކަށް ސުޕްރީމް ކޯޓު ފަނޑިޔާރުންގެ ޖުމުލަ އަދަދު ބަދަލުކުރަން ގާނޫނަށް ގެނައި އިސްލާހުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލުމުން ބިލު އިތުރަށް އިސްލާހުކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މިއަދު ފާސްކޮށްފި އެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު، އަމިއްލަ ހައިސިއްޔަތުންނެވެ. ބިލާ ގުޅޭ ގޮތުން މަޝްވަރާކުރަން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި ބިލު ފާސްކުރަން ގިނަ މެންބަރުން ދެކޮޅު ވެސް ހެއްދެވި އެވެ. ނަމަވެސް ބިލު ފާސްކުރީ، ބިލަށް ތާއީދުކުރަން ޕީއެންސީގެ ލީޑާޝިޕުން އެންގުމުންނެވެ.
ނަމަވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހު މަޖިލީހުން ފާސްކުރި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ރައީސް ނިންމެވީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އެއީ ގާނޫނުއަސާސީއާ ފުށުއަރާ ބިލެއް ކަމަށް ލަފާ ދެއްވުމުންނެވެ.
މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް މުއިއްޒު ފޮނުއްވި ސިޓީ ރިޔާސަތުން ވަނީ އިއްވާފަ އެވެ.







