މާލެ: 31°C
ބީސީސީން ކުރިއަށްގެންދާ ކްރިއޭޓަރސް ކޮންފްލުއެންސް ފަށައިފި

ބީސީސީން ކުރިއަށްގެންދާ ކްރިއޭޓަރސް ކޮންފްލުއެންސް ފަށައިފި

February 17, 2024
4 ފަހަރު ބަލާފައި
ބީސީސީން ކުރިއަށްގެންދާ ކްރިއޭޓަރސް ކޮންފްލުއެންސް ފަށައިފި
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރިއަށް ގެންދާ ކްރިއޭޓަރސް ކޮންފްލުއެންސް ފަށައިފިއެވެ. ބީސީސީން ބުނީ މި ކޮންފުލުއެންސަކީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިގުތިސާދެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފަންނުވެރިންގެ ހިޔާލާއި މަޝްވަރާ ހިމެނުމާއި، މި ކުންފުނިން ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ، "ކްރިއޭޓަރ ހަބް" ގައި ގާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރިންގެ ހިޔާލާއި މަޝްވަރާއާއެކު ގާއިމްކުރެވޭ ވަސީލަތްތަކަކަށް ހެދުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ގުޅިގެން ބީސީސީގެ އިސްނެގުމުގެ މަތިން ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އެގޮތުން، މި ކޮންފްލުއެންސް ކުރިއަށްދާނީ މިއަދު ހެނދުނު 10:00 ފެށިގެން މިރޭ 10:00 އާ ހަމައަށް ނޭޝަނަލް އަރޓް ގެލެރީގައެވެ. ފަންނުވެރިކަމުގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ މި ކޮންފުލުއެންސްގައި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ޒުވާނުންނާއި ދާއިރާގެ ތަޖްރިބާކާރުން ދަނީ ބައިވެރިވެ ހިޔާލާއި މަޝްވަރާ ދެމުންނެވެ. ފުރިހަމަ ފަންނުވެރި އިގުތިސާދެއް ބިނާކުރެވޭނީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ދެނެގަނެވިގެން ކަމަށް ބީސީސީން ބުނެފައިވެއެވެ. އެހެންކަމުން، މިފަދަ ކޮންފުލުއެންސްތައް ވެގެންދާނީ މި ދާއިރާއަށް ބޮޑެތި ކުރިއެރުން ގެނުވުމަށް މަގުފަހިވެގެންދާނެ ކަމަކަށް ކަމަށާއި ބީސީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައި މިފަދަ އިތުރު ކޮންފުލުއެންސް ތަކާއި ބައްދަލުވުންތައް ބާއްވައި އެކި ދާއިރާތައް ކުރިއެރުވުމުގައި އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުން ކަމަށް ވެސް ބުނެފައިވެއެވެ. "ކްރިއޭޓަރ ހަބް" އަކީ ދިވެހިރާއްޖޭގައި ފަންނުވެރި އިގްތިސާދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް މުއިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގާރަ ފަންގިފިލާއަށް އިމާރާތްކުރާ، ކްރިއޭޓަރ ހަބް ވެގެންދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި ތަކާއި ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށެވެ. ބީސީސީން ގާއިމްކުރާ ކްރިއޭޓަރ ހަބް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ޗާންދަނީ މަގު ޕްލޮޓް ނަންބަރު 23 ގައެވެ. މި އިމާރާތުގެ މަސައްކަތް މިހާރު ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ. 1500 އަކަފޫޓުގެ ޖާގައެއްގައި ގާއިމުކުރުމަށް ނިންމާފައިވާ ކްރިއޭޓަރ ހަބް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައެވެ. ބިޒްނަސް ސެނޓަރ ކޯޕަރޭޝަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ