މާލެ: 31°C

ބައެއް ނޫސްތަކުން ފޮނުވި މީހުން ވޯޓުލާ މަރުކަޒުގައި މާރާމާރީ ހިންގާފައި އެބަހުރި: އީސީ

ބައެއް ނޫސްތަކުން ފޮނުވި މީހުން ވޯޓުލާ މަރުކަޒުގައި މާރާމާރީ ހިންގާފައި އެބަހުރި: އީސީ
March 19, 2023
2 ފަހަރު ބަލާފައި
ބައެއް ނޫސްތަކުން ފޮނުވި މީހުން ވޯޓުލާ މަރުކަޒުގައި މާރާމާރީ ހިންގާފައި އެބަހުރި: އީސީ
ބައެއް ނޫސްތަކުގެ ފަރާތުން އިންތިހާބުތައް ކަވަކުރަން ފޮނުވި ފަރާތްތަކުން ވޯޓުލާ މަރުކަޒުގައި މާރާމާރީ ހިންގުން ފަދަ ކަންތައްތައް ކޮށްފައިވާ ކަމަށާއި އިންތިހާބު ކަވަކުރާ ނޫސްވެރިންނަށް ތަމްރީނެއް ދޭން ނިންމީ އެހެންވެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ. ރިޔާސީ އިންތިހާބަށް ލަފާ ދޭ ކޮމިޓީގެ ބައްދަލުވުންތައް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޕޯޓަރެއްގެ ހައިސިއްޔަތުން، ވޯޓުލާ މަރުކަޒަށް ވެދެވަޑައިގަންނަވާ ބޭފުޅަކީ ނޫސްވެރިއެއްގެ ހައިސިއްޔަތުން މިނިވަންކަމާ ހަރަކާތްތެރިވާން ޖެހޭ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށެވެ. އެހެން ނަަމަވެސް ބައެއް ނޫސްތަކުން އެ ނޫސްތަކުގެ ނަމުގައި ސިޔާސީ ހަރަކާތްތެރިން ވެސް ފޮނުވާފައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައެއް ފަހަރަށް ބައެއް ނޫސްތަކުން، ސިޔާސީ ގޮތުން ހަރަކާތްތެރިވާ ބޭފުޅުން ރިޕޯޓަރުންގެ ގޮތުގައި ފޮނުއްވީމާ އަޅުގަނޑުމެނަށް އެބަހުރި ބައެއް ކަހަލަ ހިތި ތަޖުރިބާ ކުރެވިފައި. އޭގެ ތެރޭގައި އަޅުގަނޑުމެންގެ ވޯޓުލާ މަރުކަޒުގެ ވެރިޔާޔާ މާރާމާރީ ހިންގުމާއި ގަވައިދާ ހިލާފު ބައެއް ކަންކަން ވޯޓުލާ މަރުކަޒުގެ ތެރޭގައި ، މިސާލަކަށް ކެމްޕޭންކުރުމާ އެކަހަލަ ކަންކަން [ހިނގާފައި] އެބަހުރި،" ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވި ގޮތުގައި އެކަހަލަ ކަންތައްތައް ހިނގާފައި ހުރީ ބައިއިލެކްޝަންތަކުގަ އެވެ. ހަބީބު ވިދާޅުވި ގޮތުަގައި އެގޮތަށް ކަންތައްތައް ވެފައި ވަނީ ނޫސްވެރިންގެ ގޮތުގައި ވޯޓުލާ މަރުކަޒުތަކަށް ވެދެވަޑައިގަންނަވާ ބޭފުޅުންނަށް އެ ބޭފުޅުންގެ ދައުރު ކިޔައިދެވިފައި ނެތީމާ ކަމަށް އީސީން ދެކޭ ކަމަށެވެ. އެހެންވެ، ނޫސްތަކުން ފޮނުވާ ފަރާތްތަކަށް ދެގަޑިއެއްހާ އިރުގެ ތަމްރީނެއް ދޭން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީޑިއާތަކުގައި ނޫސްވެރިންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް ނޫން އެހެން ބަޔަކު އިންތިހާބުތައް ކަވަކުރަން މޮނިޓަރުންގެ ގޮތުގައި ނުފޮނުވޭގޮތް ހަދަން އިންތިހާބުތަކާ ބެހޭ އާއްްމު ގާނޫނަށް ސަރުކާރުން އެންމެ ފަހުން ހުށަހެޅި އިސްލާހުގައި ހުށަހަޅާފައި އެބަ އޮތެވެ. އެކަން އެގޮތަށް ހަމަޖެއްސުމުން އިންތިހާބުތައް ކަވަކުރަން ނޫސްތަކަށް އުނދަގޫވާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހަބީބު ވިދާޅުވީ ގާނޫނުގައި މިހާރު ވެސް އޮތީ ހަމަ އެގޮތަށް ކަމަށެވެ. އެކަން އެނޫން ގޮތަކަށް ބަދަލުކުރަން އީސީން ގަސްދުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ރަޖިސްޓްރީކޮށްފައި ހުރި ފަރާތްތަކަށް އަޅުގަނޑުމެން މިހާރު ވެސް ހަމަ ފުރުސަތު މިދެނީ. ރަޖިސްޓްރީ ނުކުރާ، މަގުމަތިން އަންނަ މީހަކު ތިމަންނަ މިއީ ރިޕޯޓަރެކޭ ބުންޏަސް އަަޅުގަނޑުމެން އެކަމެއް ނުކުރާނަން [ހުއްދައެއް ނުދޭނަން]،" ހަބީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އީސީން ކުރިން ވެސް އެކަން އެގޮތަށް ނުކުރާނެ ކަމަށާއި ކުރިއަށް އޮތްތާގައި ވެސް އެގޮތަށް ކަންތައްކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ