މާލެ: 31°C
ބާޒާރުގައި މިފަހަރު އެންމެ އަގުބޮޑީ ކަނޑޫދޫ މިރުހާއި ކުރުނބާ!

ބާޒާރުގައި މިފަހަރު އެންމެ އަގުބޮޑީ ކަނޑޫދޫ މިރުހާއި ކުރުނބާ!

March 12, 2024
2 ފަހަރު ބަލާފައި
ބާޒާރުގައި މިފަހަރު އެންމެ އަގުބޮޑީ ކަނޑޫދޫ މިރުހާއި ކުރުނބާ!
ކޮންމެ އަހަރެއްގެވެސް ރޯދަމަހަކީ ބާޒާރުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. ރޯދަމަހު ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގުތަކަށް މިހާބޮޑު ބަދަލެއް އައުމުގެ މައިގަނޑު ސަބަބަކީ އެބާވަތްތަކަށް އޮންނަ ޑިމާންޑު ބޮޑުވުމެވެ. މާލޭ ބާޒާރަށް ބަލާއިރު، ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ތަކެތީގެ ތެރެއިން އަގުތަކަށް އެންމެބޮޑު ބަދަލެއް އައި ބާވަތްތަކުގެ ތެރޭގައި ހިމެނެނީ، ކުރުނބާ، ކަނޑޫދޫމިރުސް. ކަރާ، އަދި ކެބެޖެވެ. ކުރުނބާ ކުރުނބާ ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް ރޯދަމަހު އެ އެއްޗެއްގެ އަގު އެންމެ ބޮޑުވެގެންދާ ބާވަތުގެ ގޮތުގައެވެ. މިދިޔަ ތިން ރޯދަމަހުވެސް އެ އެއްޗެއްގެ އަގު ދަށަށް ނުގޮސް އެއްވަރެއްގައި އަގުުހުރި އެކައްޗަކީ ކުރުނބައެވެ. ރޯދަމަސް އައުމުގެ ކުރިން ބާޒާރުގައި ކުރުނބާގެ އަގުތައްހުރީ ޖުމްލަ ގޮތެއްގައި 15 ރުފިޔާ އާއި 25 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް ރޯދަ ފެށުމާއެކު ކުރުނބައެއްގެ އަގު ވަނީ 45 ރުފިޔާއަށް އުފުލިފައެވެ. މިނިވަން ނޫހާ ވާހަކަދައްކަމުން ދަތުރުވެރިންގެ މާރުކޭޓުގައި ކުރުނބާ ވިއްކާ މީހަކު ބުނީ، މިދުވަސްވަރު ކުރުނބާ ލިބުން ދަތިކަމަށާއި، ކުރުނބާ ލިބޭ އަގުވެސް ބޮޑުކަމަށެވެ. "ކުރިން ދޯނިން 8 ރުފިޔާއަށް ލިބޭ ކުރުނބާ މިހާރު 15 ރުފިޔާއަށްވެސް އެބަލިބޭ. އަނެއްކޮޅުން ރުކަށް އަރާމީހުން ރޯދަމަހު ރުކަށް އަރައިދޭ އަގުވެސް ބޮޑު" ގޮޅީއަކުން ވާހަކަދެއްކި މީހަކު ބުންޏެވެ. ކަނޑޫދޫ މިރުސް ކުރުނބާގެ އިތުރުން މިހާރު ދަތުރުވެރިންގެ މާރުކޭޓުގައި ކުއްލިއަކަށް އަގު އަރައިގެންދިޔަ އެއްބާވަތަކީ ކަނޑޫދޫ މިރުހެވެ. ރޯދަމަސް ފެށުމުގެ ކުރިން ދަތުރުވެރިންގެ މާރުކޭޓުން ކަނޑޫދޫ މިރުސް ކިލޯއެއް 300 ރުފިޔާއަށް ގަންނަން ލިބުނެވެ. ނަމަވެސް މިހާރު ބައެއް ގޮޅިތަކުން ކަނޑޫދޫ މިރުސް ކިލޯއެއް 750 ރުފިޔާއަށް ވިއްކަމުންދާއިރު، އެންމެ ކުޑަކޮށްވެސް ކަނޑޫދޫ މިރުސް ކިލޯއެއް ލިބެންހުރީ 600 ވަރަކަށް ރުފިޔާއަށެވެ. ގޮޅިތަކުން ވާހަކަދެއްކި މީހަކު ބުނީ ކަނޑޫދޫމިރުސް ލިބުމުގައި ދަތިކަމެއް ނެތްކަމަށެވެ. މާލޭ ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގުބޮޑުވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫންވެ. 2019 ވަނަ އަހަރު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 1500 ރުފިޔާއަށް ބޮޑުވެގެންދިޔަކަން ފާހަގަކޮށްލެވެއެވެ. [caption id="attachment_99184" align="alignnone" width="800"] ކަނޑޫދޫ މިރުސް[/caption] ބާޒާރުގައި ކަނޑޫދޫމިރުހުގެ އަގު އުފުލުމާ ގުޅިގެން ބައެއް ވިޔަފާރިވެރިން ވަނީ އަވައްޓެރި ސްރީލަންކާގައި ހައްދާ ގިތެޔޮމިރުސް ރާއްޖެގެނެސް ވިއްކަން ފަށާފައެވެ. ލަންކާއިން ގެންނަ މި މިރުހާ ހައްދުންމަތިން ވިއްކަން ގެންނަ މިރުހާ ބަލާބެލުމަށް މާބޮޑު ތަފާތެއް ނެތެވެ. ރޯދަމަހު ބާޒާރުގެ އަގުތަކަށް އައި ބަދަލުތަކަށް ބަލށާއިރު، ފަނިގިރުމަށް ބޭނުންކުރާ ބައެއް ބާވަތްތަކުގެ އަގުތައްވެސް ވަނީ ވަރަށްބޮޑަށް އުފުލިފައެވެ. މިގޮތުން ފޭރު، ޖުމްހޫރީމޭވާގެ އަގުތައް ވަނީ ވަރަށް ބޮޑުވެފައެވެ. މާލޭ ބާޒާރުމަތީގެ ބައެއް ފިހާރަތަކުން ފޭރުކިލޯއެއް 80 ރުފިޔާއަށް ވިއްކަމުންދިޔަ ނަމަވެސް އެއްގަމުގެ ގިނަ ފިހާރަތަކުން ފޭރުކިލޯއެއް ވިއްކަނީ 125 ރުފިޔާ  އާއި 130 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. މީގެ އިތުރުން ޖުމްހޫރީ މޭވާ ކިލޯއެއް މިހާރު ވިއްކަމުންދަނީ 150 ރުފިޔާއަށެވެ. [caption id="attachment_99185" align="alignnone" width="800"] މާލޭގެ ފިހާރައެއްގައި ވިއްކަން ބަހައްޓާފައިހުރި ޖުމްހޫރީމޭވާ އަދި ފޭރު ތަކެއް.....[/caption] ރޯދަމާ ދިމާކޮށް އަގު ދަށަށްދިޔަ ތަކެތީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ކަރައެވެ. ރޯދަ ފެށުމުގެ ކުރިން 25 ރުފިޔާއަށް ކަރާ ކިލޯއެއްގެ އަގު އަރައިގެން ދިޔަނަމަވެސް މިހާރު ކަރާ ކިލޯއެއް 15 ރުފިޔާއަށް ލިބެން ހުރިކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ