ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރއްވާފައިވާ ބައެއް ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގައި ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ތްރީލައިން ވިޕެއް ނެރެފި އެވެ.
މަޖިލީހުގައި މިއަދު ބާއްވާ ދައުރުން ބޭރު ފުރަތަމަ ޖަލްސާ ފެށުމުގެ ކުރިން ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އަސާސްތަކަށް ބަލާއިރު އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވައި އެގޮތަށް އަމަލުކުރައްވާކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންވެ ރައީސް ޑރ. މުއިއްޒުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށްފަހު އިއްތިފާގުން ނިންމާފައިވާ ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ދަމަހައްޓަން ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ތިބުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް އެ ޕާޓީން ދެކޭ ކަަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"...ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ހިމެނޭކަންކަމެވެ. އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައެވެ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެގޮތުގެމަތީންނެވެ،" ދަ ޑިމޮކްރެޓްސްގެ ބަޔާނުގައި ބުންޏެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓުން ނިންމި ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަމެއް އެ ޕާޓީން ހާމައެއް ނުކުރެ އެވެ.







