ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.
މިއަދު ހެނދުނު 10 ޖެހިއިރު އަޒްމިރާލްދާ ޖޭއެސްސީ އަށް ހާޒިރުކުރި މައްސަލައަކީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުގެ މައްސަލަ އަށް ނުފޫޒު ފޯރުވުމެވެ.
"އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް" އަޒްމިރާލްދާ ޖޭއެސްސީގައި ވިދާޅުވި އެވެ.
އަޒްމިރާލްދާ ސަސްޕެންޑްކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭނާއާ ދެކޮޅަށް ޖިނާއި ތަހުގީގެއް ހިންގަމުންދާތީ އެވެ. އެ މައްސަލާގައި އޭސީސީގެ ރައީސް އާދަމް ޝާމިލް މަގާމުގެ ނަހަމަ ނުފޫޒު ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވި ކަމަށް ބުނެ އަޒްމިރާލްދާ ވަނ އޭސީސީއަށް އިއްޔެ މައްސަލައެއް ހުށަހަޅާފަ އެވެ.







