މާލެ: 31°C
އޮސްޓްރޭލިޔާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

އޮސްޓްރޭލިޔާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

July 24, 2023
2 ފަހަރު ބަލާފައި
އޮސްޓްރޭލިޔާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑޭވިޑް ޖަސެޕް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލހަށް އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ. މި ރަސްމިއްޔާތައް ފަހު އޮސްޓްރޭލިޔާގެ ސަފީރާ ބައްދަލުކުރައްވައި ރައީސް ވަނީ ސަފީރުކަމާ ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އޮސްޓްރޭލިޔާ ސަރުކާރުގެ އާ ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސްއާ އޮސްޓްރޭލިޔާގެ ސަފީރު ވަނީ އަންނަ އަހަރަކީ ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަމަށް ވުމާއެކު އޮސްޓްރޭލިޔާގެ ހައިކޮމިޝަނެއް ރާއްޖޭގައި ގާއިމުކުރާ މި ދަނޑިވަޅަކީ އެކަމަށް ވަރަށް މުނާސަބު ދަނޑިވަޅެއްކަން ފާހަގަކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްގީއަށް މުހިންމު ދާއިރާތައްކަމުގައިވާ މީހުން ބިނާކުރުމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުންފަދަ ކަންކަމުގައި އޮސްޓްރޭލިޔާ ސަރުކާރުން ދޭ އެހީތެރިކަން ރައީސް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސްއާ އޮސްޓްރޭލިޔާގެ ސަފީރު ވަނީ މަތީ ތައުލީމުގެ ދާއިރާއާއި ވިޔަފާރިއާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއާއި ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާއި ސަލާމަތާ ރައްކާތެރިކަމުގެ ދާއިރާއާ އިގްތިސާދީ ދާއިރާއިން ގުޅުންބަދަހިކުރުމާ އަދި މި ނޫންވެސް ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތްގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއިން ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ