މާލެ: 31°C
އާސަންދަ އިން ބުނީ ވިލިނގިލީ ކުއްޖާ ގެނައުން ލަސްވީ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާހެދި ކަމަށް

އާސަންދަ އިން ބުނީ ވިލިނގިލީ ކުއްޖާ ގެނައުން ލަސްވީ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާހެދި ކަމަށް

January 21, 2024
3 ފަހަރު ބަލާފައި
އާސަންދަ އިން ބުނީ ވިލިނގިލީ ކުއްޖާ ގެނައުން ލަސްވީ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާހެދި ކަމަށް
މިދިޔަ ބުރާސްފަތި ދުވަހު ގއ. ވިލިނގިލި އަތޮޅު ހޮސްޕިޓަލުގައި  ހާލުބޮޑުވި ބަލި ކުއްޖާ އިތުރު ފަރުވާއަށް މާލެ ނުގެނެވި ލަސްވާން މެދުވެރިވީ ފަހު ވަގުތު ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފްލައިޓް ޑައިވާޓް ނުކުރެވިގެން ކަމަށް އާސަންދައިން ބުނެފިއެވެ. އައިޖީއެމްއެޗްގެ އައިސީޔޫގައި ފާރުވާ ދެމުން ދަނިކޮށް އިއްޔެ އެ ކުއްޖާވަނީ ނިޔާވެފައެވެ. ކުއްޖާ މާލެ ނުގެނެވި ލަސްވުމާގުޅިގެން ކަން ހިނގައިދިޔަ ގޮތް ބާޔާންކޮށް އާސަންދައިން ރޭ ނެރުނު ބަޔާނެއްްގައި ބުނީ ވިލިނގިލީ އަތޮޅު ހޮސްޕިޓަލުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމަށް އިމަޖެންސީ އިވެކުއޭޝަންގެ ރިކުއެސްޓް ލިބުނީ  ބުރާސްފަތި ދުވަހުގެ ފަތިހު 5:03 ގައިކަމަށެވެ. އަދި ރިކުއެސްޓް ލިބުނުތާ 12 މިނެޓުގެ ތެރޭގައި އިވެކުއޭޝަން އެޕްރޫވްކޮށް ފަތިހު 5:19 ހާއިރު ވިލިނގިލި ހޮސްޕިޓަލަށް އެކަން އަންގާ ފްލައިޓް ލިބޭތޯ ބެލުމަށް އެންގިކަމަށް އާސަންދައިން ބުންޏެވެ. އެހެންނަމަވެސް ކޫއްޑޫ އެއަޕޯޓުން އެންމެ އަވަހަށް ޝެޑިއުލް ފްލައިޓެއް އޮތީ ހުކުރު ދުވަހުގެ ހެނދުނު 5:55 ގައިކަމަށާއި ވަގުތުން ޗާޓަރޑް ފްލައިޓެއްގެ އިންތިޒާމުތައް ފަށާއި ބުރާސްފަތި ދުވަހުގެ ހެނދުނު 8:57 ގައި މޯލްޑިވިއަނުން ޗާޓަޓް ފްލައިޓް ވަގުތު ލިބުނުކަން އާސަންދައިގެ ބަޔާނުގައި ފާހަގަކުރިއެވެ. ޗާޓަޑް ފްލައިޓް ކޫއްޑޫއަށް ޖެއްސުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ 14:55 ގައި ކަމަށާއި، އެނބުރި މާލެއަށް އައުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ 16:20 ގައިކަމަށް އާސަންދައިން ބުންޏެވެ. އަދި ވިލިނގިލިން ކޫއްޑުއަށް އެ ކުއްޖާ ގެންދިއުމަށް އެމްއެންޑީއެފްގެ ސީ އެމްބިއުލާންސެއް 14:45 ގައި ހަމަޖެއްސިކަމަށްވެސް އާސަންދައިން ބުންޏެވެ. މި އިންތިޒާމްތައް ހަމަޖެހިފައިވަނިކޮށް މާލެއިން ކައްދޫއަށް ދާން އޮތް ފްލައިޓްގައި ޖާގަހުރުމުން، ބުރާސްފަތި ދުވަހުގެ 11:40 ގައި ކޫއްޑޫ އެއަރޕޯޓުން އެކަން އެންގިކަމަށާއި، އެ ފްލައިޓުން އެންމެ އަވަހަށްވެސް 13:50 ކުއްޖާ މާލެ ގެނެވޭނެކަން އެންގުމުން، އެ ފްލައިޓުން ކުއްޖާ ފޮނުވާލުމުގެ މަސައްކަތް ފެށުނުކަމަށް އާސަންދައިން ބުނެއެވެ. އެހެންނަމަވެސް ޕްލޭން ކުރެވުނު ގޮތަށް އިވެކުއޭޝަންގެ ކަންކަން ކުރިއަށްނުގެންދެވުނީ ފަހު ވަގުތު ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޑައިވަރޓްނުކުރެވުމުންކަމަށް އާސަންދައިން ބުންޏެވެ. އެހެންކަމުން އަލުން ޗާޓަރޑް ފްލައިޓެއް އިންތިޒާމްކޮށް ކޫއްޑޫ އެއަރޕޯޓުން ބުރާސްފަތި ދުވަހުގެ ހަވީރު 16:35 ގައި ފުރައިގެން ކުއްޖާ މާލެ ގެނެވުނީ އެ ދުވަހުގެ ހަވީރު 17:15 ގައިކަމަށް އާސަންދައިގެ ބަޔާނުގައި ބުނެފައިވެއެވެ. އާސަންދަ އިން މިހެން ބުނެފައިވާ އިރު، ރޭ ރައީސް ޑރ. މުއިއްޒު ވަނީ ކުއްލި ފަރުވާއަށް ބަލިމީހުން ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިސްލާޙުކުރުމަށް ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވާފައެވެ.  ރައީސް އެންގެވީ ވައިގެމަގުން ބަލިމީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރުމަށާއި ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް އައިލެންޑް އޭވިއޭޝަނުން ކަނޑައަޅައި އެގޮތަށް އަބަދުވެސް އަމަލުކުރަމުން ދިއުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ