އާސިރު ޓާމިނަލަށް ވަނުމަށް ފަހު ވީގޮތް އެނގޭނެ ފުޓޭޖެއް ނުލިބުނު!

އާސިރު ޓާމިނަލަށް ވަނުމަށް ފަހު ވީގޮތް އެނގޭނެ ފުޓޭޖެއް ނުލިބުނު!
ލިޔުން:
މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން، ވީގޮތެއް ނޭނގި ގެއްލިފައިވާ މުހައްމަދު އާސިރު އިސްމާއީލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލަށް ވަންނަ މަންޒަރު، ސީސީޓީވީ ފުޓޭޖްތަކުން ފެނުނު ނަމަވެސް އޭނާ އެތަަނަށް ވަނުމަށް ފަހު ދެން ދިޔަ ދިމާލެއް އެނގޭނެ ފުޓޭޖެއް ފުލުހުންނަކަށް ނުލިބުނެެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާސިރު ހޯދަން ކުރަމުން އަންނަ މަސައްކަތުގައި އެކި ސަރަހައްދުގައި ހުރި ކެމެރާތަކުގެ ޖުމްލަ 150 ގަޑި އިރަށް ވުރެ ގިނަ ފުޓޭޖްތައް ބަލާފައިވާ ކަމަށެވެ. ފުލުހުން ބެލި ފުޓޭޖްތަކުގެ ތެރޭގައި ވީއައިއޭގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއާޕޯޓް ފެރީ ސަރަހައްދުގައި ހުރި ކެމެރާތަކުން ރެކޯޑް ކުރެވިފައިވާ ފުޓޭޖް ހިމެނޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ވާ ގޮތުން، އެހުރިހާ ފުޓޭޖްތައް ބަލައިގެން ފުލުހުންނަށް މިހައިތަނަށް ދެނެގަނެވިފައި ވަނީ މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލް ކައިރިން ޓެކްސީއަކަށް އަރައިގެން ގޮސް އެއާޕޯޓްގެ ޓާމިނަލަށް ވަނތްކަން އެކަންޏެވެ.
"...އެހެން ނަމަވެސް މުހައްމަދު އާސިރު އިސްމާއީލް އެއާޕޯޓަށް ވަންނަ ސަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން، ދެން ދިޔަ ހިސާބެއް މިހައިތަނަށް ދެނެގަނެވިފައެއް ނުވެ އެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
[embed]https://twitter.com/PoliceMv/status/1626186286343262208?s=20[/embed]
އެހެންވެ ފުލުހުން މިހާރު ވަނީ އާސިރު ހޯދަން ހުޅުލޭ ފަޅުގައި ހުރި ހުރިހާ އޮޑިދޯނިފަހަރާއި ލޯންޗްތައް ވެސް ބަލައިފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ސަރަހައްދުގައި އުޅޭ މީހުންނަށް އާސިރުގެ ފޮޓޯ ދައްކައިގެން، އޭނާ އެމީހުންނަށް ފެނިފައި ވޭތޯ ވެސް ވަނީ ބަލައިފަ އެވެ. އޭނާ ހޯދަން އެއާޕޯޓްގެ އެކި ސަރަހައްދުތައް ބަލައި ފާސްކުުރުމުގެ އިތުރުން އެއްވެސް ފްލައިޓަކުން ރާއްޖޭން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ގޮސްފައިވޭތޯ ވެސް ފުލުހުން ބެލި އެވެ.
"... އެގޮތުން ކުރެވުނު މަސައްކަތުން، އޭނާ ރާއްްޖޭން ބޭރަށް ފުރައިގެން ނުދާކަމާއި އެއްވެސް އެއާލައިނަކުން ރާއްޖޭގެ އެއްވެސް ރަށަކަށް ނުދާކަން ޔަގީން ކުރެވިފައި ވެ އެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
އާސިރު ހޯދަން ކުރި މަސައްކަތުގައި ފުލުހުން ވަނީ އޭނާ އެރި ޓެކްސީ ދުއްވި ޑްރައިވަރާ ވެސް ސުވާލުކޮށްފަ އެވެ. މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި މާފުށީގެ ގެސްޓްހައުސްތަކާއި އެހެން ރަށްރަށުގެ ގެސްޓްހައުސްތަކުން އާސިރު ހިދުމަތެއް ހޯދާފައި ވޭތޯ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. ބަޔާނުގައި ބުނި ގޮތުގައި އޭނާ ހޯދަން ކުރަމުން އަންނަ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އޭނާގެ އާއިލާއަށް ފުލުހުން އަންނަނީ ދެމުންނެވެ.
"...މުހައްމަދު އާސިރު އިސްމާއީލް ނުފެނި ފާއިތުވާ ކޮންމެ ދުވަހަކީ ދިވެހި ފުލުހުންގެ ހިދުމަތުން ނުހަނު ކަންބޮޑުވާ ދުވަހެކެވެ. މުހައްމަދު އާސިރު އިސްމާއީލް ހޯދުމުގެ މަސައްކަތް ތަހުގީގު ޓީމުން ހުއްޓުމެއް ނެތި ދަނީ ކުރަމުންނެެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
