މާލެ: 31°C
އަސާސީ ބޭސްތައް އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް ގަތުމަށް ނިންމައިފި

އަސާސީ ބޭސްތައް އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް ގަތުމަށް ނިންމައިފި

February 4, 2024
3 ފަހަރު ބަލާފައި
އަސާސީ ބޭސްތައް އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް ގަތުމަށް ނިންމައިފި
ރާއްޖެއިން ލިބޭ ބޭހުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެކަމަށް ބޭނުންވާ ސިޔާސަތުތައް ވަޒީރުންގެ މަޖިލީހުގެ ލަފާޔާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައަޅައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ މި ސިޔާސަތުތައް ކަނޑައަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ބޭސް ގަތުމަށް 'ބަލްކް ޕްރޮކިއުމަންޓް ނިޒާމު' ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ވަނީ ނިންމާފައެވެ. އަދި މި ނިޒާމުގެ ތެރެއިން، ސަރުކާރުން އަސާސީ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާ އެސް.ޓީ.އޯ. އިން، ޞިއްޙީ ޚިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަކުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ބޭސްފިހާރަތަކުން މި ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށްވެސް ވަނީ ނިންމާފައެވެ. ރައީސް އޮފީހުން ބުނީ މި ނިޒާމަށް ބޭނުންވާ، ކަނޑައެޅިފައިވާ މިންގަޑުތަކަށް ފެތޭ ބޭސް ރައްކާކުރާ ގުދަންތައް ގާއިމުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ގުދަންތައް ސެންޓްރަލީ މޮނިޓަރ ކުރާނެ ނިޒާމެއް ގާއިމުކުރުމަށް މިއަދު ނިންމާފައިވާކަމަށެވެ. އަދި ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު (ކުއަންޓިޓީ) ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި ބޭހުގެ ފެންވަރު ކަށަވަރުކޮށް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ގާބިލުކަން އިތުރުކޮށް، އިންސާނީ ވަސީލަތް އިތުރުކޮށް ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ. އަސާސީ ބޭސްތައް އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް ގަތުމަށް ސަރުކާރުން ނިންމާފައިވާއިރު، ރާއްޖެއަކީ ގަނޑުކޮށް ގަނެގެން ބޭސް އެތެރެކުރާ ގައުމެއް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ ޖެނުއަރީމަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަނީ، ރާއްޖެއިން ބޭރުން މިހާރު އެތެރެކުރަމުންދާ ބޭހުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ޔޫރަޕާއި އެމެރިކާ ފަދަ ގައުމުތަކުން ބޭސް އެތެރެކުރާނޭކަމަށް ވިދާޅުވެފައެވެ. މިގޮތުން ކުރިއަށް އޮތްތަނުގައި އާދައިގެ ފެންވަރުގެ ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖެއަށް އާއްމު ގޮތެއްގައި ބޭހުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރަނީ އަވައްޓެރި އިންޑިއާ އިންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ