މާލެ: 31°C

އަންނަ މަހު ގޯތި ހަވާލު ކުރަން ފަށާނެ: ރައީސް ސޯލިހު

އަންނަ މަހު ގޯތި ހަވާލު ކުރަން ފަށާނެ: ރައީސް ސޯލިހު
July 2, 2023
2 ފަހަރު ބަލާފައި
އަންނަ މަހު ގޯތި ހަވާލު ކުރަން ފަށާނެ: ރައީސް ސޯލިހު
ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކަށް އަންނަމަހު ގޯތި ހަވާލު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިހެން ވިދާޅުވީ، ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއު ފަށްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު ގުޅިފަޅުގައެވެ. މިރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ގުޅިފަޅު ބިން ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަޙައްދުގައި ހިންގާ މަޝްރޫއަކަށް ވިޔަސް، މިއީ ތިލަދުންމަތީ އުލިގަމުން އައްޑޫ ގަމާ ހަމައަށް ފެތުރިގެން ދާނެ ތަރައްޤީގެ ބިޔަ މަޝްރޫއެއް ކަމަށެވެ. އަދި މިއީ މާލެ ސަރަޙައްދުގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ މަޝްރޫއެއް ކަމަށާ، މި މަޝްރޫއާ ގުޅިފައިވާ އެންމެ މުހިންމު ކަމަކީ، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލުތަކެއް ގެނައުންކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގައި، ލިބޭ ޝަކުވާތައް ބެލުމަށް ފަހު، ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް، އެންމެ ލަސްވެގެން މި އަންނަ އޮގަސްޓް މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯއްޗަށް އެދި ހުށައަޅައި ޝަރުތު ހަމަވި އެންމެނަށް، ގޯތި ލިބެންދެން ލިސްޓް ދެމެހެއްޓުން ކަމަށެވެ. އަދި މިހާރުން ފެށިގެން މިސަރުކާރުން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް، އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫއެއްގެ އަމާޒަކީ، ދިވެހިން އެދިއެދި ތިބި "އުފާވެރި އަމާން ރާއްޖެ" ދިވެހިންނަށް ހޯދައިދިނުންކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ވިދާޅުވީ، ބިންވެރިޔާ ސްކީމަކީ، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް، ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަަމަށެވެ. އޭގެ އިތުރުން، މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި އަދި ގުޅިފަޅުގައި ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުން ލިބިގެންދާނެ ފައިދާ ތައް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ. ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫއަކީ، ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑާ ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށް ގެންދަވާ މަޝްރޫއެއެކެވެ. މިމަޝްރޫއުގެ ދަށުން ޖުމުލަ 150 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މިބިމުގެ ތެރޭގައި ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރާ ބިމާއި، މާލޭ ވިޔަފާރި ބަނދަރު، ގުޅީފަޅަށް ބަދަލުކުރުމަށް ބޭނުންވާ ބިން ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ