މާލެ: 31°C

އަންހެނުންނަށް ހުރިހާ ދާއިރާތަކުންވެސް ފުރުސަތު ފަހިކޮށްދިނުމަށް ނައިބު ރައީސް އެދިވަޑައިގެންފި

އަންހެނުންނަށް ހުރިހާ ދާއިރާތަކުންވެސް ފުރުސަތު ފަހިކޮށްދިނުމަށް ނައިބު ރައީސް އެދިވަޑައިގެންފި
July 11, 2023
2 ފަހަރު ބަލާފައި
އަންހެނުންނަށް ހުރިހާ ދާއިރާތަކުންވެސް ފުރުސަތު ފަހިކޮށްދިނުމަށް ނައިބު ރައީސް އެދިވަޑައިގެންފި

އަންހެނުންނަށް ހުރިހާ ދާއިރާތަކުންވެސް ފުރުސަތު ފަހިކޮށްދިނުމަށް އިތުރަށް މަސައްކަތްކުރުމަށާއި، ހަމަޖެހޭ އަމާން މުޖުތަމައެއް ބިނާކުރުމަށް އަންހެނުންގެ ދައުރު ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ވަނީ އަންހެނުން ބާރުވެރިކުރުމަށާއި އަންހެނުން މުޖުތަމައުގެ ހަމަޖެހުމާ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންނާއި މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށްޓަކައި ކޮށްފައިވާ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިއަދު ނައިބު ނެރެދެއްވި "ސްޓޭޓް އޮފް ވަރލްޑް ޕޮޕިއުލޭޝަން ރިޕޯޓް" އަދި "ބޯހިމެނުން 2022" ގެ ނަތީޖާއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ބޯހިމެނުމުން ފެނިގެންދިޔަ ނަތީޖާއިން ރާއްޖެ ތަރައްގީ ކުރުމުގެ ކަންކަން ޕްލޭން ކުރުމުގައި އެންމެ މުހިންމު ދާއިރާތައް ދެނެގަނެވި އެދާއިރާތަކަށް އަހަންމިއްޔަތުކަން ދޭން ފަސޭހައަކަށް ވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. ނައިބުގެ ވަނީ ހުރިހާކަމަކަށްވުރެ ގައުމު އިސްކުރުމަށާއި، ގައުމު ކުރިއެރުވުން އެންމެ މުހިންމު ކަމަކަށް ހެދުމަށް ބާރުއަޅުއްވައިފައެވެ. އަދި ގައުމުގެ ތަރައްގީ ހާސިލުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ވެސް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ. ހަމަ އެއާއެކު އިގްތިސާދީ ބޮޑު ބަދަލަކަށް ވިސްނުންނެރެ، މަސައްކަތުގެ މައިދާނުގައި އުޅޭބައެއްގެ ގޮތުގައި ވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ޖަލްސާއަށްފަހު ނައިބު ވަނީ ޔޫއެންއެފްޕީއޭ އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން ކުރިއަށްގެންދިޔަ "ފޮރ އެވްރީ އޭޖް" ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ. އިސްލާމީ މަރުކަޒުގެ ކޮރިޑޯގައި ކުރިއަށްގެންދިޔަ މި މައުރަޒުގައި ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ވަކިވަކި ފަރުދުންގެ ތަފާތު ވާހަކަތަކާއި ތަޖުރިބާތައް ދައްކާލާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ