"ލޯންޗެއް ހުއްޓުވައި ބަލައި ފާސްކޮށް މަސްތުވާތަކެއްޗާ ބަނގުރަލުގެ, ވަރަށް ގިނަ އަދަދެއްގެ ބަނގުރަލާ އެކު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. މި ބަނގުރަލާ މަސްތުވާއެއްޗެހީގެ އުޅަނދު ހުއްޓުވިއިރު އަނަސް މައްސަލާގައި ދައުވާ އުފުލައި ކުށް ސާބިތު ނުވުމުގެ ސަބަބުން ދޫކޮށްލާފައިވާ ފަރާތެއްވޭ," ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން މިއަދު ވިދާޅުވި އެވެ.ނަވީން ވިދާޅުވީ ކޯޓުން ރިޕޯޓު ލިބުނުހާ އަވަހަކަށް މައްސަލަ އިސްތިއުނާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ މައްސަލައިގައި ދައުވާ އުފުލި އެންމެން ސަލާމަތްވުމަކީ ފުލުހުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަނަސްއަށް ހަމަލާދީފައި ވަނީ ސައިކަލު ތަކެއްގައި އައި ހަތަރު މީހަކު ކަމަށާއި ހަމަލާ ދިނުމަށް ފަހު އެ މީހުން ފިލި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.
އެ އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުނުވާވަރަށް ހެކި ނެތުމުން، ކުށަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 25 ގައި ވަނީ ހުކުމްކޮށްފައެވެ.







