މާލެ: 31°C

އެމެރިކާގެ ބޭންކިން ނިޒާމަށް އެރި ލޮޅުމާ އެކު މާލީ ކާރިސާއެއްގެ ބިރު!

އެމެރިކާގެ ބޭންކިން ނިޒާމަށް އެރި ލޮޅުމާ އެކު މާލީ ކާރިސާއެއްގެ ބިރު!
March 20, 2023
2 ފަހަރު ބަލާފައި
އެމެރިކާގެ ބޭންކިން ނިޒާމަށް އެރި ލޮޅުމާ އެކު މާލީ ކާރިސާއެއްގެ ބިރު!
ރައްޔިތުންގެ މަޖިލީހުގެ މިިއަދުގެ ޖަލްސާ ފެށްޓެވުމަށް ފަހު ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވީ އެމެރިކާގެ ބޭންކަކާއި ޔޫރަޕްގެ ބައެއް ބޭންކް ތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާ މެދު މެމްބަރުން ވިސްނާވަޑައިގެންނެވުމަށެވެ. "މުފައްކިރުން ދެކޭ ގޮތުގައި 2008 ވަނަ އަހަރު ދިމާވި ބާވަތުގެ އުނދަގޫ ތަކަކާ [ފައިނޭންޝަލް ކްރައިސިސްއެއް] މާލީ ނިޒާމަށް ދިމާވުން އެކަށީގެންވޭ. އެހެންވީމާ އިިއްޒަތްތެރި މެމްބަރުން މިކަމަށް ވިސްނާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝަައްކު އުފެދޭ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. އެމެރިކާގެ ނަން މަޝްހޫރު ބައެއް ނޫސްތަކުން ވެސް މިހާރު ފާޅުކުރަމުން އަންނަނީ ނަޝީދު ވެސް އެ ފާޅުކުރެއްވި ކަންބޮޑުވުމެވެ. "އިގުތިސާދުގެ ރިކަވަރީއަށް ކުރިމަތިވި ގިނަ ގޮންޖެހުންތަކުން އެގައުމު ވަނީ އަރައިގަނެފަ އެވެ. އިގުތިސާދީ ބޮޑު ކާރިސާއެއް ނުވަތަ "ރިސެޝަނެއް"ގެ ބިރުން އެގައުމުގެ އިގުތިސާދު ތަކުރާރުކޮށް އެތައް ފަހަރަކު ވަނީ ސަލާމަތް ވެފަ އެވެ. ސަޕްލައި ޗޭނުގައި އުފެދުނު ބެކްލޮގާއި މަސައްކަތްތެެރިން ނުލިބުމާއި ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާއި އިންޓަރެސްޓް ބޮޑުވުން ފަދަ އެތައް ކަމެއް އެ ގޮންޖެހުންތަކުގެ ތެރޭގައި ހިމެނެ އެވެ. އެމެރިކާގެ އެ ގާބިލުކަމަށް އެހެން  ނަމަވެސް މިހާރު ވަނީ ބޮޑު އިމްތިހާނަކާ ކުރިމަތިވެފަ އެވެ. އެއީ މިދިޔަ ދެތިން ހަފުތާއެއްގައި ކަންހިނގި ގޮތަށް ބަލާއިރު މާލީ ބޮޑު ކާރިސާއެއް ގެނުވާ ވަރުގެ "ބޭންކިން ކްރައިސިސް" އެވެ. ތެލުގެ އަގު ދަށަށް ދާން ފެށުމާ އެކު އިންވެސްޓަރުން އަންނަނީ ސަރުކާރަށް ދަރަނި ދިނުމާއި ރައްކާތެރި ކަަމަށް އެމީހުން ދެކޭ އެހެނިހެން ތަންތަނަށް އަޅަމުންނެވެ،" އެމެރިކާގެ ނިއުޔޯކް ޓައިމްސްގައި މިދިޔަ ހުކުރު ދުވަހު ޖެހި ލިއުމެއްގައި ވެ އެވެ. އެއާ އެކު އެމެރިކާގެ މާލީ ބާޒާރު މިދިޔަ ހުކުރު ދުވަހު ވެސް އޮތީ ނާޒުކު ހާލަތެއްގަ އެވެ. އެއީ ހަފްތާއެއްގެ ތެރޭގައި އެގައުމުގެ ސްޓޮކްމާކެޓް އެންމެ ދަށަށް ދިޔަ ދުވަހެވެ. ްއެކަން އެގޮތަށް ވީ އެމެރިކާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ވޯލްސްޓްރީގެ ލީޑަރުން (ބޮޑެތި ވިޔަފާރިތަކުގެ އިސް ވެރިން) އެކަން ކާރިސާއަކަށް ވިޔަ ނުދޭން މަސައްކަތް ކޮށްކޮށް އޮއްވަ އެވެ.  އެމެރިކާއަށާއި ދުނިޔެއަށް ވެސް މީގެ ކުރިން ކުރިމަތިވި މާލީ ކާރިސާތައް ތަޖުރިބާކޮށްފައިވާ ފަރާތްތަކުން ދެކޭ ގޮތުގައި އެ މަސައްކަތްތައް ކާމިޔާބު ވިޔަސް ވަޒީފާތަކަށް މީހުން ހޯދުމާއި އިންވެސްޓްކުރުމުގެ ދާއިރާއަށް ނުބައި އަސަަރެއް ނުކޮށެއް ނުދާނެ އެވެ. އެއީ ބޭންކްތަކުން ފައިސާ ދޫކުރަން ފަސް ޖެހޭތީ ދަރަންޏަށް ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ބޮޑު ދައްޗެއް ކުރިމަތިވެފައި ވާތީ އެވެ. އިގުތިސާދަށް ވާނެ ގޮތް ލަފާކުރައްވާ މާހިރުން ވިދާޅުވާ ގޮތުގައި އެ ކަންަތައްގަނޑުގެ ސަބަބުން ރިސެޝަނެއް އައުމުގެ ނުރައްކާ މިހާރު ބޮޑެވެ. "ހުރިހާ ކަމެއް ހަމަޖެހި ނިމުނަސް، ހަގީގީ އަދި ދެމިގެންވާ އިގުތިސާދީ ގެއްލުންތައް މިކަމުން އަންނާނެ،" އެމެރިކާގެ ވޯލްސް ފާގޯގެ ޗީފް އިކޮނޮމިސްޓް ޖޭ ބްރައިސަން ދަ ނިއުޔޯކް ޓައިމްސް ނޫހަށް ވިދާޅުވެފައި ވެ އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ބޭންކިން އިންޑަސްޓްރީގައި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަންހިނގި ގޮތަަށް ބަލާއިރު ރިސެޝަނެއްގެ ނުރައްކާ ބޮޑު ކަމަށެވެ. އެންމެ ކުޑަމިނީ އިންފްލޭޝަން ކޮންޓްރޯލްކުރަން އެމެރިކާގެ ފެޑެރަލް ރިޒާވްގެ އޮފިޝަލުން ކުރަމުން އަންނަ ނާޒުކު މަސައްކަތް އެކަމުގެ ސަބަބުން ގަޑުބަޑުވުމެވެ. އެ އޮފިޝަލުން މަސައްކަތްކުރަމުން އަންނަނީ އިގުތިސާދު މަޑުޖައްސައިލުމަށެވެ. އެއީ އިންފްލޭޝަން ދަށްކުރުމަށް ޓަކަ އެވެ. އެކަން އަވަސްކުރުމުގެ މުހިއްމުކަން މިއަށް ވުރެ ވަކިން ބޮޑު ދުވަސްވަރެއް މީގެ ކުރިން އައިސްފައެއް ނުވެ އެވެ. އެހެނީ މިދިޔަ އަންގާރަ ދުވަހު އެމެރިކާ ސަރުކާރުން އާއްމުކުރި ޑޭޓާއިން ދައްކާ ގޮތުގައި ފެބްރުއަރީ މަހު އެގައުުމުގައި ތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެހެން ނަމަވެސް އިންފްލޭޝަން ދަށްކުރަން ފެޑެރަލް ރިޒާވްގެ އޮފިޝަލުން ކުރާ މަސައްކަތް މިހާރު ވެފައި ވަނީ މާލީ ނިޒާމަށް ބޮޑެތި ލޮޅުންތައް ގެނުނާވެ ކަމަކަށެވެ. އެހެންވީމާ ދެން ހުރި ގޮތްތައް ބަލަން މަޑުކުރާނެ ވަގުތެއް އެމީހުންނަކަށް މިހާރަކު ނެތެވެ. ނިއުޔޯކް ޓައިމްސް ބުނި ގޮތުގައި ފެޑެރަލް ރިޒާވްގެ އޮފިޝަލުން ގަވައިދުން ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުންތަކެއް އަންނަ އަންގާރަ އަދި ބުދަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އެ ބައްދަލުވުންތަކުގައި ކުރަން ނިންމާނީ ކޮންކޮން ކަންތައްތަކެއް ކަން ލަފާކޮށްލަން ވެސް ނޭނގެ އެވެ. އިންވެސްޓަރުން ލަފާކުރާ ގޮތުގައި އެމީހުން ނިންމާނީ ބޭންކްތައް ވަރުގަދަކުރުމަށް ޓަކައި އިންޓަރެސްޓް ރޭޓް ބޮޑުކުރުމަށެވެ. އެއީ މީގެ 10 ވަރަކަށް ދުވަސް ކުރިން ވެސް އެޅި ފިޔަވަޅެކެވެ. އެގޮތަށް ނިންމައިފާނެ ކަމަށް ގަންނަ ބިރަކީ ވެސް މާލީ ނިޒާމު އިތުރަށް ހަލަބޮލިކުރުވާނެ ކަމެކެވެ. މިހުރިހާ ކަމަކުން ވެސް ޔަގީންވާ ކަމަކީ އެމެރިކާގެ އެންމެ ބޮޑު އެއް ބޭންކް ކަމަށްވާ ސިލިކޮން ވެލީ ބޭންކް (އެސްވީބީ) ބަނގުރޫޓުވުމުގެ ސަބަބުން އެގައުމުގެ މާލީ ނިޒާމަށް ކުރިމަތިވި މައްސަަލަ ހައްލުވުމުގެ ކޮޅުމައްޗެއް އަދި ފެންނަން ނެތް ކަމެވެ. އެކަން ހައްލު ނުވެ ދިގުލައިގެން ގޮސް އެމެރިކާއަށް މާލީ ބޮޑު ކާރިސާއެއް ދިމާ ވެއްޖެ ނަމަ 2008 ވަނަ އަހަރު ވެސް ކަންތައް ވީ ގޮތަށް މުޅި ދުނިޔެއަށް ވެސް މާލީ ކާރިސާއެއް އަންނާނެ އެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ