މާލެ: 31°C

އަމީނީ މަގު ނިމޭނީ އަންނަ ސެޕްޓެމްބަރުމަހު: މިނިސްޓަރު

February 8, 2023
2 ފަހަރު ބަލާފައި
އަމީނީ މަގު ނިމޭނީ އަންނަ ސެޕްޓެމްބަރުމަހު: މިނިސްޓަރު
އަމީނީ މަގު ނިމޭނީ އަންނަ ސެޕްޓެމްބަރުމަހު: މިނިސްޓަރު
މާލޭގެ އަމީނީމަގު ރަނގަޅު ފެންވަރަކަށް ހަދަން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ މަސައްކަތް ލަސްވީ އެ މަގުގައި އެެމްޑަބްލިއުއެސްސީން ވަޅުލަން ޖެހޭ ހޮޅިތައް ލިބުން ލަސްވެގެން ކަމަށާއި އެ މަސައްކަތް ނިންމަން މިހާރު ކަނޑައަޅާފައިވަނީ އަންނަ ސެޕްޓެމްބަރު މަހަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ފުރަތަމަ ހަވާލުކުރީ މިހިނގާ ފެބްރުއަރީ މަހު ނިންމާ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތަށް އިތުރު ވަގުތު ދިނީ ހޮޅި ހޯދުމުގައި އެމްޑަބްލިއުއެސްސީއަށް އަދި ވެސް ދަތިކަން އޮތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެހެންވީމާ އެ ދަތިތަކަށް ކޮންސިޑާކޮށްފައި އަޅުގަނޑުމެން މިހާރު ވާނެ ރިވައިޒްޑް ކޮމްޕްލީޝަން ތާރީހެއް ކަނޑައަޅާފައި. އެއީ 27 ސެޕްޓެމްބަރު 2023 އަށް،" އަސްލަމް ވިދާޅުވި އެވެ. އަމީނީ މަގުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗެއް މިހާރު ލިބިފައި ވޭތޯ ހަސަން ލަތީފު ސުވާލުކުރެއްވުމުން އަސްލަމް ވިދާޅުވީ މަޝްރޫއެއް ފަށާއި އިރު އެ މަޝްރޫއަކަށް ބޭނުންވާ ހުރިހާ އެއްޗެއް އެއް ފަހަރާ ނުގެންނަ ކަމަށެވެ. Minister Aslam "އެހެން ނުކުރާ ސަބަބަކީ، ކޮންޓްރެކްޓްގައި ޕޭކުރަނީ މެޓީރިއަލް އޮން ސައިޓަކަށް ނޫން، މަސައްކަތް އެގްޒެކިއުޓްކޮށް ނިމޭ ވަރަކުން. އެހެންވީމާ ކޮންޓްރެކްޓަރު، މުޅި ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ މެޓީރިއަލެއް އެއްފަހަރާ ގެނެސްފި ކަމަށް ވަންޏާ އުޅޭނެ ޑިފިކަލްޓީސްތަކެއް،" އަސްލަމް ވިދާޅުވި އެވެ. މާލޭގެ މަގުތަކުގެ ތެރެއިން ރަނގަޅު ފެންވަރަށް އަލުން ހަދަން ނިންމާފައި ވަނީ ކޮންކޮން މަގުތަކެއްތޯ ވެސް ހަސަން ލަތީފު ސުވާލުކުރެއްވި އެވެ. އަސްލަމް ވިދާޅުވީ މާލޭގެ އެހެން މަގެއް ހަދަން އާރްޑީސީއާ އަދި ހަވާލުކޮށްފައި ނުވާ ކަމަށާއި އެހެން ނަމަވެސް މާލޭގެ އުތުރު ފަރާތުން، ބޮޑުތަކުރުފާނު މަގު ހެދުމަކީ ސަރުކާރުގެ ޕްލޭނުގައި އޮތް ކަމެއް ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ އެ މަސައްކަތް  ނުވަތަ މާލޭގެ އެހެން މަގެއްގެ މަސައްކަތެއްގެ ކޮންޓްރެކްޓްގައި ސޮއިކުރާނީ އަމީނީ މަގުގެ މަސައްކަތް ނިމެން ކައިރިވުމުން ކަމަށެވެ. "ދެން ސަރުކާރުގެ ޕްލޭނެއް އެބަ އޮތް، އަދި ސޮއެއް ނުކުރަން، މާލޭގެ މެރިން ޑްރައިވް ، އުތުރުފާތުގެ، އެތަން، އެ މަގު އެކީގައި އެމަގު ހެދުމުގެ،" އަސްލަމް ވިދާޅުވި އެވެ. މިނިސްޓަރ އަސްލަމާ ސުވާލުކުރުން ކުރިއަށް ގެންދިޔަ އިރު މިއަދު އެމްޑީޕީގެ ދެ ފެކްޝަނުގެ އަރައިރުން ވެސް މަޖިލީހުގެ ތަޅުމުގައި ކޮންމެވެސް ވަރަކަށް ހިނގި އެވެ. އެއީ ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ، ފުރުސަތު ހޯއްދަވައިގެން ހަސަން ލަތީފު ކުރެއްވި ޝަކުވާއަކާ ގުޅިގެން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަސްލަމަށް ދެއްވި އިރުޝާދަކާ ގުޅިގެންނެވެ. ހަސަން ލަތީފު ވިދާޅުވީ އޭނާގެ ބައެއް ސުވާލުތަކަށް އަސްލަމް ޖަވާބު ނުދެއްވާ ކަމަށެވެ. އޭނާ އެހެން ވިދާޅުވުމުން ނަޝީދު ވިދާޅުވީ މެމްބަރުން ކުރައްވާ ސުވާލަށް މިނިސްޓަރު ސާފު ޖަވާބު ދެއްވުމަށާއި އިތުރު ވާހަކަތައް ނުދެއްކެވުމަށް އެދިވަޑައިވަޑައިގަންނަވާ ކަމަށެވެ. "ސާފު ޖަވާބަށް އަޅުގަނޑުމެން އެދެނީ،" އެމަނިކުފާނު ވިދާޅުވި އެވެ. އަސްލަމް ވިދާޅުވީ ގާބިލުކަން ހުރި ވަރަކުން ސާފުކޮށް ޖަވާބު ދެއްވަމުން ގެންދަވާ ކަމަށެވެ. "ނޫން އިއްޒަތްތެރި ވަޒީރު ޖަވާބު ދިނުމުގައި ތެދު ޖަވާބު ސާފުކޮށް ދިނީމާ އެ ނިމުނީ. މަނިކުފާނުގެ ގާބިލުކަން މީގެ ތެރެއަށް ވަނުން އެއީ އެހާ ބޭނުންތެރި ކަމެއް ނޫން،" އަސްލަމްގެ ވާހަކަ މެދުކަނޑުއްވައިލައްވާފައި ނަޝީދު ވިދާޅުވި އެވެ. މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ނިޒާމާ ބެހޭ ނުކުތާްއެއް ނަންގަވައި ނަޝީދަށް ރައްދު ދެއްވަމުން ވިދާޅުވީ ވަޒީރުން މަޖިލީހަށް ގެނެސްގެން ހޭރުވުމަކީ މިހާރު ހިނގާ ކަމެއް ކަަމެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ