މަސްތުވާތަކެތި ނައްތާލެވޭނެ އަވަސް ނިޒާމެއް ގާއިމްކުރުމަށް މަސައްކަތްކުރައްވާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ދައުރު ނިމުމުގެ ކުރިން މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުން ކަމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު،ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު އިހްސާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދައުރު ނިމޭރު ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުން ކަމަށެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވާ، މަސްތުވާތަކެއްޗަށް އޮންނަ ޓެލީ ޑިމާންޑު މަދު ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި ޑްރަގް އެޖެންސީގެ އިތުރުން ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން ބުރަ މަސައްކަތްތަކެއް މިހާރު ވެސް ކުރައްވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ."މަސްތުވާތަކެތީގެ މައްސަލައަށް ގެނެވޭނެ ޖުމްލަ ހައްލަކީ މަސްތުވާތަކެތީގެ ސަޕްލައި އެއްކޮށް ރިޑިޔުސްކޮށް، ޓެލީ ޑިމާންޑު ރިޑިޔުސްކުރުން. މިކަމަށް ފުލުހުންނާއި ޑްރަގް އެޖެންސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން." އިހުސާން ވިދާޅުވިއެވެ.މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި ވީހާވެސް އަވަހަކަށް ނައްތާލަންޖެހޭ ކަމަށެވެ. ނަމަވެސް ގާނޫނާއި ގަވާއިދުތައް އޮންނަ ގޮތުން މިހާރު މަސްތުވާތަކެތި ނައްތާލުމަށް މުއްދަތެއް ހޭދަވާކަމަށެވެ. ވީމާ ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސް ވީހާވެސް އަވަހަކަށް މަސްތުވާތަކެތި ނައްތާލެވޭނެ ނިޒާމެއް ގާއިމްކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.







