ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ އަލީ ވަހީދުގެ މައްޗަށް ހުފުލާފައިވަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ދިޔަ ގޮތަށް އަނބުރާ ރާއްޖެއަށް ނައުމުން އެމައްސަލަތައް ކޯޓުގައި ކުރިއަށް ނުގެންދެވި ވަނީ ހުއްޓިފައެވެ.
ޕީޖީ އޮފީހުގެ ބަޔާނެއްގައިގައި ބުނެފައިވަނީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ނެތިގެން ކޯޓުން ސެޕްޓެމްބަރު 22، 2022 ގައި ދައުވާތައް އަނބުރާ އެ އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންވެ އަލީ ވަހީދު ރާއްޖެއަށް އައުމުން އަލުން ހުށަހަޅަން ބުނެ އެ މައްސަލަ އޮކްޓޫބަރު 6. 2022 ގައި އަލުން ފުލުހަށް ހުށަހެޅި ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މައްސަލަ ކުރިމަތިވި މީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދެވޭނެ އެހެން ހެއްކެއް ނެތުމުން މައްސަލަ ކުރިއަަށް ގެނެދެވެން ނެތީމަ، އަނބުރާ ގެންދިޔައީ ކަމަށެވެ.އެ މައްސަލަތައް އަނބުރާ ގެންދިޔަ ނަމަވެސް ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް ކޮށްފައެެވެ. މި ހުކުމް އަދުވެސް އެބައޮތެވެ.
އަލީ ވަހީދު ދިރިއުޅެމުން އައީ އިނގިރޭސި ވިލާތުގައެވެ.







