މަޝްހޫރު ފިލްމީ ތަރި، ނިއުމާ މުޙައްމަދުގެ ދިރިއުޅުމަށް އައި ދަތިކަމެއްގެ ސަބަބުން މާލެ ދޫކޮށް ފ. ނިލަންދުއަށް ބަދަލުވި ވާހަކައާ ގުޅިގެން ކުރީގެ މަޝްހޫރު ލަވަކިއުުންތެރިޔާ އަލީ ރަމީޒް ނިއުމާއަށް ނަސޭހަތްތެރިވެ މިއަދު ފޭސްބުކްގައި ކުރި ޕޯސްޓާ ގުޅިގެން ނިއުމާ އިންތިހާއަށް ރުޅިގަދަވެއްޖެއެވެ.
އަލީ ރަމީޒް ވަނީ ، ފިލްމު ކުޅުން ފަދަ ﷲ ހަރާމް ކުރައްވާފައިވާ ފަދަ މަސައްކަތްތަކާއި ދުރުވެ އިއްފަތްތެރި މީހެއްގެ ގޮތުގައި އުމުރުން ދެން އޮތް ދުވަސްތައް ހޭދަކުރުމަށް ނިއުމާއަށް ނަސޭހަތްތެރިވެފައެވެ. އެކަމާ ގުޅިގެން ނިއުމާ ބުނެފައިވަނީ މިހެންނެވެ؛
”މަމީ އޮރިޔާން ފިލްމު ކުޅެގެން މައްޝޫރު ވި މީހެއް ނޫން… މަ ފިލްމު ކުޅުނީ ބަންދު ކޮޓަރިއެއްގައެއް ވެސް ނޫން، އެތައް ބައެއް ކުރިމަތީ ތިބެގެން އެންމެންނަށް ފެންނަ ގޮތަށް ކުރި ހަލާލް މަސައްކަތަކުން މަ ފައިސާ ހޯދީ. މުޑުދާރު ލަވަ ކިޔައިގެން މީނަ އަށް ލިބުނު ލާރިގަނޑުން ކީއްބާ ކުރީ؟“ ނިއުމާ ބުނެފައި ވެއެވެ.
ޢަލީ ރަމީޒުގެ ވާހަކަތަކަށް ރައްދު ދެމުން ނިއުމާ ކުރި ޕޯސްޓެއްގައި ބުނީ، ކިތަންމެ ރަގަނޅު މީހަކަށް ވެސް ދަތި ދުވަހެއް އަތުވެދާނެ ކަމަށެވެ. އަދި އެކަން އެނގޭނީ އަލީ ރަމީޒް ފަދަ އިލްމުވެރިންނަށް ކަމަށެވެ.
މީގެއިތުރުން ނިއުމާ ބުނީ، ސޯސަލް މީޑިއާ އިން ފެންނަ ޚަބަރުތަކަށް ”ބޭސްކޮށް“ މީހުންނަށް އެއްޗެހި ކިޔުން މީ އެންމެ ދީނީ ގޮތް ތޯ ވެސް ނިއުމާ އަލީ ރަމީޒުގެ ކިބައިން ސުވާލުކޮށްފައިވެއެވެ.
ފަހު ބަހެއްގެ ގޮތުގައި ނިއުމާ ޢަލީ ރަމީޒަށް ބުނީ ”ކޮންމެހެން މަށާ ބެހޭނެ ކަމެއް ނެތް" ކަމަށެވެ.







