ޕްލޭނިން މިނިސްޓްރީގެ ފަރާތުން މިއަދު މި ތިން ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. މި ކުންފުނިން ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގަ އެވެ.
އެއާޕޯޓް އެޅުމަށް ތިން ރަށުގެ ބިން ހިއްކުމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ކެޕިޓަލް މެރިން އާއި ހަވާލުކޮށްފައިވާ މަޝްރޫގެ އަގަކީ 42.5 މިލިއަން ޑޮލަރު -- 653 މިލިއަން ރުފިޔާ އެވެ.ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. ކެޕިޓަލް މެރިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަން އެވެ.
މި އެއްބަސްވުމުގެ ދަށުން ތިން ރަށުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ގޮތް
- ބިލެތްފަހި - 56.34 ހެކްޓަރުގެ ބިން
- ތުޅާދޫ - 44.70 ހެކްޓަރުގެ ބިން
- ވިލުފުށި - 44.70 ހެކްޓަރުގެ ބިން
މި ތިން ރަށަކީ ރައީސް ސޯލިހު ވެރިކަމަށް އައުމަށްޓަކައި އެއާޕޯޓް އަޅައިދޭނެ ކަމަށް ވިދާޅުވެ ވައުދުވެ ވަޑައިގެންފައިވާ ރަށްތަކުގެ ތެރެއިން ތިން ރަށެވެ. މީގެ އިތުރުން ރައީސް ސޯލިހު ވަނީ ހދ. މަކުނުދޫ، ރ. ބެރިޔަންފަރު، އަދި ފ. މަގޫދޫގައި އެއާޕޯޓް އަޅައިދޭނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.
މިވަގުތު އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ހަމައެކަނި ރަށަކީ ފ. މަގޫދޫ އެވެ.






