މާލެ: 31°C
އެއާޕޯޓު ބޮޑު ކުރުމުގެ ބޮޑު މަޝްރޫއެއް

އެއާޕޯޓު ބޮޑު ކުރުމުގެ ބޮޑު މަޝްރޫއެއް

January 5, 2024
4 ފަހަރު ބަލާފައި
އެއާޕޯޓު ބޮޑު ކުރުމުގެ ބޮޑު މަޝްރޫއެއް
ޖުމްލަ 25 މިލިޔަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމާއި އިކޮނޮމިކް ޒޯން ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފުތިތާހް ކޮށްދެއްވައިފިއެވެ. ރައީސް ޑރ. މުއިއްޒު މި މަޝްރޫއު އިފުތިތާހް ކޮށްދެއްވީ މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ. މި ބޮޑު މަޝްރޫއު އިފްތިތާހް ކޮށްދެއްވައި ރައީސް ވިދާޅުވީ މި އިފްތިތާހު ކުރެއްވީ ދިވެހިންގެ އުންމީދު ކަމުގައެވެ. އެމަނިކިފާނުގެ ވާހަކަފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާ އެކުއެކީގައި މި ބޮޑު މަޝްރޫއުގެ މަސައްކަތްތައްވެސް ކުރިއަށްގެންދަވަން ރާވާފައިވާކަމުގައި ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރިއަށްދާ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ އަހަރަކު ޖުމްލަ 7 މިލިޔަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރަށް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތެއް ނަމަވެސް މިރޭ އިފުތިތާހް ކުރެއްވި މަޝްރޫއާއެކު މުޅި މަޝްރޫގެ މަސައްކަތް ނިމޭއިރު ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރެވި، އެއަދަދު ޖުމްލަ 25 މިލިޔަނަށް އިތުރުވެގެންދާނެކަން ރައީސް ވިދާޅުވިއެެވެ. މި ބިޔަ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތްތައް މިއަހަރު ފެށިގެންދާއިރު މުޅި މަޝްރޫއުގެ ބޮޑުބައި މި ފަސްއަހަރުގެ ތެރޭގައި ނިންމައި 10 އަހަރުގެ ތެރޭގައި މަޝްރޫއުގެ އެންމެބޮޑެތި މަސައްކަތްތައް ނިންމަވަން ރާވާފައިވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މި މަޝްރޫއުގެ ތެރޭގައި މިހާރުގެ ސީޕްލޭން ޓަރމިނަލް އެހެންތަނަކަށް ބަދަލުކުރުމާއި، ޖެޓްތަކަށް ހާއްސަ ޓަރމިނަލެއް ހެދުމާއި، ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތްދެވޭ ވަރަށް ޑޮމެސްޓިކް ޓަރމިނަލް ތަރައްގީކުރުމާއި، ކާގޯ ފެސިލިޓީ ތަރައްޤީކުރުމާއި އަދި ފުނަދޫގައި ހުންނަ ތެޔޮ ސްޓޯރޭޖް އެހެންތަނަކަށް ބަދަލުކޮށް އެރަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުން ހިމެނެއެވެ. މީގެ އިތުރުން ފުނަދޫ، މަލެއާއި ހުޅުލެއާ ބްރިޖުން ގުޅުވާލުމާއި، ހުޅުލެއާއި ހުޅުމާލެއިން ސީޕްލޭން ޓަރމިނަލްއާވެސް ގުޅުވާލުމަށް ރާވާފައިވެއެވެ. މި ޖަލްސާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ