މާލެ: 31°C
އެއާޕޯޓް އަޅާނެ އިތުރު 9 ރަށެއް ކަނޑައަޅައިފި

އެއާޕޯޓް އަޅާނެ އިތުރު 9 ރަށެއް ކަނޑައަޅައިފި

March 28, 2024
3 ފަހަރު ބަލާފައި
އެއާޕޯޓް އަޅާނެ އިތުރު 9 ރަށެއް ކަނޑައަޅައިފި
ރާއްޖޭގައި އިތުރު އެއާޕޯޓު ތަރައްގީކުރާނެ 9 ރަށެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުގެ ގަރާރަށް އިސްލާހު ގެންނަވައިގެންނެވެ. އެގޮތުން، އަލަށް ނުވަ އެއާޕޯޓެއް ހަދާން ނިންމާފައިވާއިރު، މިހާރު މަސައްކަތް ފަށާފައިވާ އެއާޕޯޓުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް އިތުރަށް ކުރިއަށް ގެންދަން ވެސް ރައީސް ކަނޑައެޅުއްވާފައިވެއެވެ. އަލަށް ތަރައްގީކުރާ އެއާޕޯޓްތަކަކީ:
  1. ހއ. ދިއްދޫ
  2. ށ. ދިގުވެލި
  3. ށ. މިލަންދޫ
  4. ނ. ވިހަފަރު
  5. ރ. ފައިނު
  6. އއ. މަތިވެރި
  7. ފ. ނިލަންދޫ
  8. ގއ. މާޅެންދޫ
  9. ތ. ގުރައިދޫ
މީގެ އިތުރުން ލ. އަތޮޅުގައި ސަރުކާރުން ކަނޑައަޅާ ރަށެއްގައި ވެސް އެއާޕޯޓެއް ހަދަން ރައީސް ނިންމާފައިވެއެވެ. މިއިން ކޮންމެ އެއަރޕޯޓެއް ތަރައްގީކުރުމަށް އެންމެ ދަށްވެގެން ހަރަދު ކުރަންޖެހޭ އަދަދުގެ ގޮތުގައި ރައީސް ނިންމަވާފައިވަނީ ފަސް މިލިއަން ޑޮލަރެވެ.
ގަރާރުގައިވާ ގޮތުން މިހާރު މަސައްކަތްތައް ކުރިއަށްދާ އެއާޕޯޓްތަކުގެ ތެރޭގައި ހދ. މަކުނުދު އާއި ށ. ބިލެތްފައްސާއި ރ. އަލިފުއްޓާއި ބ. ތުޅާދު އާއި ތ. ވިލުފުއްޓާއި މ. މުލީ އެއާޕޯޓް ހިމެނެއެވެ. އެ އެއާޕޯޓުތައް ނިންމަން ހަރަދު ކުރަންޖެހޭ އެންމެ ދަށް އަދަދަކީ ހަތަރު މިލިއަން ޑޮލަރެވެ. އަދި ގދ. ތިނަދު އާއި ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ހަތް މިލިއަން ޑޮލަރު، ލ. ގަމުގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގަން ހަތް މިލިއަން ޑޮލަރު އަދި އައްޑޫގައި އައްސޭރި ޓޫރިޒަމް ހިންގަން 10 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ވެސް ނިންމާފައިވާ ކަމަށް ގަރާރުގައިވެއެވެ. މި ގަރާރުގައި ރައީސް ވަނީ އަލަށް ހިންގުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތަކާއި އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތަކުގެ އިތުރުން އައްސޭރި ޓޫރިޒަމް ހިންގަން ނިންމާފައިވާ ސަރަހައްދުތަކާއި އެ މަޝްރޫއުތަކަށް އެންމެ ދަށްވެގެން އިންވެސްޓް ކުރަންޖެހޭ އަދަދު ވެސް ކަނޑައަޅުއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ