މާލެ: 31°C

އެއަރޕޯޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ގައުމަށް ކުރިމަތިވާ ނުރައްކަލެއް: މާރިޔާ

March 5, 2023
2 ފަހަރު ބަލާފައި
އެއަރޕޯޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ގައުމަށް ކުރިމަތިވާ ނުރައްކަލެއް: މާރިޔާ
އެއަރޕޯޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ގައުމަށް ކުރިމަތިވާ ނުރައްކަލެއް: މާރިޔާ
އެއަރޕޯޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ޤައުމަށް ކުރިމަތިވާ ނުރައްކަލެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. ވެލާނާ އިންޓަނެޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ "އޮކިއުޕޭޝަނަލް ހެލްތު، ސޭފްޓީ އެންޑް ސެކިއުރިޓީ" އަށް އަމާޒުކޮށް ފަށާފައިވާ "ބިނާރު" ޕްރޮގްރާމް އިފްތިތާހު ކުރަން ރޭ ބޭއްވި ހަފުލާގައި މާރިޔާ ވިދާޅުވީ ވީއައިއޭގެ ސެކިއުރިޓީ އަދި ސޭފްޓީގެ ކަންކަން އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަކީ ޤައުމުގެ ސަލާމަތާވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. ދިވެހިރާއްޖެއަށް ކުރިމަތިވާ ކޮންމެ ބޮޑު ކަމެއްގައި، އެކިއެކި އެހީތެރިކަން އަވަހަށް ހޯދުމުގައި ވީއައިއޭ ގެ ދައުރަކީ އިތުރު އެހެންބަޔަކަށް އަދި އަދާ ކުރެވޭނެ ދައުރެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިއެއަރޕޯޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ޤައުމަށް ކުރިމަތިވާ ނުރައްކަލެއް. ކޮންމެ ގޮންޖެހުމަކީ، ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވާ ގޮންޖެހުމެއް،"މާރިޔާ ވިދާޅުވި އެވެ. ކޮވިޑްގެ ޙާލަތާ ކުރިމަތިލާ، އެޙާލަތުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތްތައް ކާމިޔާބުވުމުގައިވެސް އެމް.އޭ.ސީ.އެލްގެ ޙިއްސާ ވަރަށް ބޮޑު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ކޯވިޑްގެ ބަލިމަޑުކަމުގައިވެސް އެއާޕޯޓް ގެ މުވައްޒިފުންގެ ސާބިތުކަމާއި އަމާޒަށް ކުޑަވެސް ހީނަރުކަމެއް އައިސްފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އަދި ސެކިއުރިޓީ އަށް ސަމާލުކަން ދީގެން ޚާއްޞަ އަދި މިހާ ފުޅާ ކެމްޕޭނެއް ފަށާ ފުރަތަމަ އެސް.އޯ.އީ އަކީ އެމް.އޭ.ސީ.އެލް ކަން ފާހަގަ ކުރެއްވިއެވެ. ބިނާރުގައި ހިމެނޭ ކަންކަމަށް ބަލާއިރު ސޭފްޓީ އާއި ސެކިއުރިޓީ، އަދި ސިއްޙަތާގުޅޭ އެވެއަރނަސް ޕްރޮގްރާމްތަކާއި، ހެލްތް ސްކްރީނިންގ ފަދަ ޙަރަކާތްތައް ހިމެނެއެވެ. ޕްރޮގްރާމްގެ މަޤްޞަދުތަކުގެ ތެރޭގައި، އެއަރޕޯޓްގެ ހުރިހާ ދާއިރާއެއް ހިމެނޭހެން ސޭފްޓީ އެންޑް ސެކިއުރިޓީ ކަލްޗަރއެއް ބިނާކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުމާއި، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އާއި ސެކިއުރިޓީގެ މައްސަލަތައް ފަސޭހައިން ރިޕޯޓްކުރުވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، އެމައްސަލަތަކަށް އަވަހަށް ފަސޭހައިން އެޑްރެސްކުރެވޭނެ ގޮތްތައް ތަޢާރަފްކުރުންވެސް ހިމެނޭ އެވެ. ބިނާރު ހަރަކާތުގެ ތެރެއިން އެއަރޕޯޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެވި، މިއީ ވަށާޖެހޭ މަސައްކަތަކަށް ވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ