މާލެ: 31°C

އޭޖީއާ ގުޅޭގޮތުން އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފި

އޭޖީއާ ގުޅޭގޮތުން އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފި
June 6, 2023
2 ފަހަރު ބަލާފައި
އޭޖީއާ ގުޅޭގޮތުން އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފި

ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންނެވުމުގައި،  މަޖިލީހުގެ އިމްތިޔާޒަށާއި ގަދަރަށް އުނިކަން ލިބޭ ފަދަ ގޮތަކަށް އަމަލު ކުރެއްވި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފި އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި އެ އިމްތިޔާޒުގެ މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެވެ.

މައްސަލަ ހުށަހަޅުއްވަމުން ހުސައިން ވިދާޅުވީ ބަންޑާރަނައިބު ރިފްއަތު ލިޔުމުން ހުށަހެޅުއްވި ޖަވާބުގައި މަޖިލީހުގެ އިމްތިޔާޒުތަކަށް ގޮންޖައްސަވާފައިވާތީ އެކަން ކުއްވެރިކުރާކަމަށެވެ. އަދި ބަންޑާރަ ނައިބަކީ މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭ ފަރާތެއް ކަމަށާއި، މަޖިލީހަށް ލިބިގެންވާ ގާނޫނީ ބާރުގެ ދަށުން ބަންޑާރަނައިބާއި ސުވާލު ކުރެވޭނެ ކަމަށެވެ. " އެހެން ކަމުން ރައްޔިތުންގެ މަޖިލީހުގައި ޖަވާބު ބޭނުންވާ ކޮންމެ ކަމެއްގައި ތެދު ޖަވާބު ދެއްވަން ޖެހޭނެ އެވެ. ތެދުބަހުން ޖަވާބު ނުދެއްވާ އެކަމާ ޖަދަލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. " މެންބަރު ހުސައިން ވިދާޅުވިއެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު ރިފްއަތު ލިޔުމުން ދެއްވި ޖަވާބުގައި މަޖިލީހަށް ހުށަހަޅަންޖެހޭނީ ރާއްޖޭގެ ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ސަރަހައްދަށް ބަދަލެއް ގެންނަނަމަ ކަމަށް ފާހަގަކޮށްފައިވާ ކަމަށް ހުސެއިން ވިދާޅުވި އެވެ. ހުސައިން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ކަމަށެވެ. "(ކަނޑުގެ ސަރަހައްދަށް ބަދަލު ގެނައުމުގައި) މިކަމުގައި މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަނައިބު ދެކިވަޑައިގަތުމަކީ މުޅި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ބާރުތަކަށް އަރައިގަތުން ނޫން ކަމަށް ދެކޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް،" މެންބަރު ހުސެއިން ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ވިދާޅުވީ، އެމައްސަލައާ މެދު ބަހުސްކުރަން ފެންނަކަމަށް ނިންމާނީ މަޖިލީހުގެ މެމްބަރުން ކަމަށެވެ.

މެންބަރު ހުސައިން މައްސަލަ ހުށަހެޅުއްވުމުން، އެ މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 48 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ. އެހެން ކަމުން އިމްތިޔާޒުގެ މައްސަލައިގައި ބަހުސްކުރުމަށް ފާސް ނުވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ، އެމައްސަލަ އިމްތިޔާޒު ކޮމިޓީއަށް ފޮނުވަނެކަމަށެވެ. ނަމަވެސް އިމްތިޔާޒު ކޮމިޓީ އެކުލަވާ ނުލެވި އޮތްކަން ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ