މާލެ: 31°C

އަފީފު ރިޔާސަތުގައި އިންނެވީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވުމުން މެމްބަރަކު ބޭރުކޮށްލައިފި

February 22, 2023
2 ފަހަރު ބަލާފައި
އަފީފު ރިޔާސަތުގައި އިންނެވީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވުމުން މެމްބަރަކު ބޭރުކޮށްލައިފި
އަފީފު ރިޔާސަތުގައި އިންނެވީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވުމުން މެމްބަރަކު ބޭރުކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލެހެއްޓެވުމާ ހަވާލުވެވަޑައިގެންނެވީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ، ވާހަކަ ދެއްކެވުމުން ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފުގެ ނަން އިއްވައި އޭނާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށި އިރު ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އާދައިގެ މަތިން މިއަދު ވެސް ޖަލްސާގެ ފުރަތަމަ ހުސްވަގުތުކޮޅަށް ފަހު އެމަނިކުފާނު ޖަލްސާއަށް ވަޑައެއް ނުގަނަންވަ އެވެ. ހުސްވަގުތުކޮޅަށް ފަހު ޖަލްސާ އަލުން ފެށި އިރު ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. ޖަލްސާގެ ވަކި ހިސާބަކުން އޭނާ ވެސް ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވީ އެވެ. މަޖިލީހުގައި މިވަގުތު ހުންނެވި އުމުރުން އެންމެ ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުން އަފީފަށް ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގެންނެވީ އެހިސާބުންނެވެ. އަފީފު ރިޔާސަތު ބަލަހައްޓަވަން ފެށްޓެވިތާ ގިނަ އިރެއް ނުވަނީސް ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ހޯއްދެވި ފުރުސަތެއްގައި ކެލާ ދާއިރާގެ މެމްބަރު ޝަރީފު ވިދާޅުވީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އަފީފަށް އެ ވަގުތު ރިޔާސަތުގައި ނީންނެވޭނެ ކަމަށެވެ. "ނުއިނދެވޭނެ. އެއީ [މަޖިލީހުގެ] ގަވައިދު ބުނޭ އެބަ، ސަބަބު ބަޔާންކޮށް ނައިބު ރައީސް އެހެންނާ ރައީސް [ވަޑައިނުގެންނެވޭ] ސަބަބު ބަޔާންކޮށް، އެންގެވުމަށް ފަހުއޭ އެހެން ބޭފުޅަކާ ހަވާލުކުރެވޭނީ،" ޝަރީފު ވިދާޅުވި އެވެ. އަފީފު ވިދާޅުވީ އެއީ ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ބަލައި ނުގަނެވޭ ކަމަށާއި އޭނާ ރިޔާސަތު ބެލެހެއްޓެވުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެހެން ވިދާޅުވެ ޝަރީފުގެ މޭޒުގައިވާ މައިކް ނިއްވަވައިލެއްވުމުން، އޭނާ އަޑުގަދަ ކުރައްވަން ފެށްޓެވި އެވެ. "ގަވައިދުން ކަން ހިނގަމުން އަންނަ ގޮތް އެއީ ގަވައިދަކީ،" އެ ހިސާބުން އަފީފު ވިދާޅުވި އެވެ. މަޖިލީހުގެ ގަވައިދަށް ހުރުމަތްތެެރިކޮށް ހިއްތެވުމަށް ޝަރީފަށް އިލްތިމާސް ކުރެއްވުމަށް ފަހު، "ދެން ޖެހޭނީ ނަން އިއްވަން" ކަމަށް ވިދާޅުވެ، ޝަރީފަށް އޭނާ އިންޒާރު ވެސް ދެއްވި އެވެ. މަޖިލީހުގައި އޭރު ކުރަމުން އައި ބަހުސްގައި ޝަރީފަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވެސް އޭނާ ވިދާޅުވީ ރިޔާސަތުގައި އަފީފު އިންނެވީ ގަވައިދާ ހިލާފަށް ކަމަށެވެ. އަފީފު އޭނާގެ ނަން އިއްވެވީ އެހެން ވިދާޅުވުމުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ