އދ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމަށްވާ "ޑްރިފްޓް ތެލު ވެލިގަ ރިޓްރީޓް" ވިއްކާލުމަށް ބޭންކް އޮފް ސިލޯން (ބީއޯސީ) އިން އިއުލާނުކޮށްފިއެވެ.
ބީއޯސީން ނެރުނު އިއުލާނުގައި ބުނެފައިވަނީ ސާބިތު ދަރަނީގެ މައްސަލައެއްގައި، ފަސް ތަރީގެ އެ ރިސޯޓުގެ ލީސްހޯލްޑް ރައިޓްސް ވިއްކައިލުމުގެ ހައްގު ސިވިލް ކޯޓުގެ މި މަހުގެ 14 ވަނަ ދުވަހު ކުރި ހުކުމުން ބޭންކަށް ލިބިފައިވާ ކަމަށެވެ.
އަދި 30 ކޮޓަރީގެ އެ ރިސޯޓުގެ ލީސްގެ މުއްދަތު ހަމަވާނީ 2064 ވަނަ އަހަރަށް ކަމަށާއި އޭގެ ފަހުން ވެސް އިތުރު 49 އަހަރަށް ލީސްގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބޭންކުން ބުނެފައިވެއެވެ. "ޑްރިފްޓް ތެލު ވެލިގަ ރިޓްރީޓް" ވިއްކާލުމުގެ އެންމެ ކުޑަ އަގެއްގެ ގޮތުގައި ބޭންކުން ކަނޑައަޅާފައިވަނީ 21.14 މިލިއަން ޑޮލަރެވެ. ބިޑް ޑޮކިއުމަންޓް އަންނަ މަހުގެ 18 އާހަމަައަށް ވިއްކަން ހަމަޖެހިފައިވާއިރު، ބިޑް ޑޮކިއުމަންޓް ވިއްކާނީ 2،000 ޑޮލަރަށެވެ. 25،000 ޑޮލަރުގެ ޑިޕޮސިޓެއް ބަހައްޓަން ޖެހެއެވެ. ބިޑް ހުށަހެޅުމުގެ ސުންގަނޑި އަކީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 2:00 ކެވެ. ބޯއީސީން ބުނީ ބިޑް ކާމިޔާބުކުރާ ފަރާތުން 30 ދުވަހުގެ ތެރޭގައި ކާމިޔާބުކުރި އަގުގެ 25 ޕަސަންޓު އަދި 60 ދުވަހުގެ ތެރޭގައި ބާކީ ބައި ދައްކައި ހަލާސް ކުރަންޖެހޭނެ ކަމަށެވެ.






