ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ސިޓީ ހިތަދޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށް، އެ ސިޓީއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފުކޮށްފި އެވެ.
މި ޚިދުމަތް ތައާރަފުކޮށްފައިވަނީ ރޭ އެ ސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އައްޑޫ ސިޓީގެ މޭޔަރު އިސްމާއިލް ނިޒާރު ބައިވެރިވެވަޑައިގެންނެވި އެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ”ޑޮލަރު އޭޓީއެމް ގާއިމު ކުރުމަކީ އައްޑޫ ސިޓީގައި ޑޮލަރު މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް“ ކަމަށެވެ.
އައު އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ ޚިދުމަތް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއްވެސް މި ޚިދުމަތާއެކު ލިބިގެންދާނެ އެވެ.
ޑޮލަރު އޭޓީއެމްގެ އިތުރުން މިހާރުވެސް ހިތަދޫ ބްރާންޗުގައި ބީއެމްއެލްގެ ދެ އޭޓީއެމް ގާއިމްކޮށްފައިވެ އެވެ. މީގެ ތެރެއިން އެއް އޭޓީއެމް ޚާއްސަ ކުރެވިފައިވަނީ ސެލްފް ސާވިސް ބޭންކިން ޚިދުމަތަށް ކަމަށްވާއިރު، އަނެއް އޭޓީއެމްއަކީ ހަމައެކަނި ފައިސާ ނެގުމަށް ހާއްސަކުރެވިފައިވާ އޭޓީއެމްއެކެވެ.
އައްޑޫ ސިޓީއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފުކުރުމާއެކު، ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލްއިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.






