އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ވަގުތީގޮތުން މިހާރު ހައްލުވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.
ޕީއެސް އެމް ނިއުސް އަށް ނަޖާހް ވިދާޅުވީ މަރާމާތުކޮށް އޮޕަރޭޝަނަށް ގެނައި ޖަނަރޭޓަރާއެކު އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށާއި، އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް އިތުރު ޖަނަރޭޓަރު ގެންދިއުމުގެ މަސައްކަތްވެސް ކުރަމުން ދާކަމަށެވެ.
އެގޮތުން 1 މެގަވޮޓްގެ ޖަނަރޭޓަރެއް، މާލެއިން އައްޑޫ ސިޓީއަށް ގެނައުމުގެ މަގުމަތީގައި މިހާރު ވާކަމަށާއި، އެ ޖަނަރޭޓަރު ބަހައްޓާ ސެޓަޕްހެދުމާއި، އެކަމަށް ބޭނުންވާ ޓެކްނިކަލް ތައްޔާރީތައްވެސް މިހާރު ވަމުންދާކަމަށް ވިދާޅުވިއެވެ. އަދި އޭގެ އިތުރުން އިންޑިއާއިން 1.8 މެގަވޮޓްގެ ޖަނަރޭޓަރެއްވެސް ރާއްޖެ ގެނައުމުގެ މަގުމަތީގައި ވާކަމަށާއި، އެ ޖަނަރޭޓަރު ބުދަދުވަހު މާލެއަށް އައުމާއެކު، އައްޑޫ ސިޓީއަށް ފޮނުވާނެކަމަށް ވެސް ނަޖާހު ވިދާޅުވިއެވެ.
އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ އިންޖީނުތަކެއް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން އެޖަނަރޭޓަރުތައް ހަލާކުވުމުގެ ސަބަބުންނެވެ.
އެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނަޖާހު ވިދާޅުވީ، މައްސަލަ ހައްލުކުރުމަށް ކުންފުނިން މެދުނުކެނޑި މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން އޯވަހޯލްކޮށް މަރާމާތުކުރަމުންދާ 1.6 މެގަވޮޓްގެ 2 ޖަނަރޭޓަރުސެޓްގެތެރެއިން، އެއް ޖަނަރޭޓަރުގެ މަސައްކަތް ނިންމާ މިހާރު ޚިދުމަތަށް ގެނެސްފައިވާކަމަށެވެ. ދެން ހިމެނޭ އަނެއް ޖަނަރޭޓަރުގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމަށްވެސް ނަޖާހް ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު، 11.6 މެގަވޮޓަށް އަރައެވެ.
އައްޑޫ ސިޓީގައި އަޅަން ފަށާ ހުއްޓިފައިވާ، 32 މެގަވޮޓްގެ އިންޖީނުގޭގެ މަސައްކަތް އަލުން ފެށުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. މިއާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.







