މާލެ: 31°C

އާދަމް ޝަރީފުގެ ގަލަމުން ނ. ކުރެދިވަރު

May 14, 2024
2 ފަހަރު ބަލާފައި
އާދަމް ޝަރީފުގެ ގަލަމުން ނ. ކުރެދިވަރު
އާދަމް ޝަރީފުގެ ގަލަމުން ނ. ކުރެދިވަރު
އެޑިޓަރުގެ ނޯޓު: މިއީ އާދަމް ޝަރީފުގެ ގަލަމުން ނ. ކުރެދިވަރާމެދު ތާރީހީ ނަޒަރަކުން ލިޔެފައިވާ ލިއުމެކެވެ. ނ. ކުރެދިވަރަކީ ރާއްޖޭގައި މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. ރަސްކަމާ ގުޅުންއޮތް ރަށެކެވެ. އެހެނަސް އެއީ މިހާރު ފަޅުރަށެކެވެ. ކުރެދިވަރަކީ ދިވެހިންގެ ތެރެއިން ދިވެހި ތާރީޚު ފުރަތަމަ ލިޔުއްވި އަލްޤާޒީ ޙަސަން ތާޖުއްދީންގެ އަނބިކަބަލުންގެ ރަށެކެވެ. ނަމަވެސް އެއީ ކޮން ނަމެއްކިޔާ އަނބިކަނބަލެއް ކަމެއް ނޭނގެއެވެ. ތާޖުއްދީންގެ ކާފަ ދަރިކަލުން އަލްޤާޒީ އިބްރާހިމް ސިރާޖުއްދީން ނިޔާވެ ވަޅުލެވިފައި އޮތީ އެ ރަށުގައެވެ. މާހާނަ ގަލުގައި އޮތީ "...ނިޔައުވީ 1182ހ ވަނައަހަރު ރަބީއުލްއާޚިރު މަހުގެ 04 ވީ ބުރާސްފަތި ވިލޭރޭ" ގައެވެ. (ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު) ހޮޅިގެން އަތްދަށުން ދިވެހިރާއްޖެ މިނިވަން ކުރެއްވި އަލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) ނަށްފަހު ރަސްކަންކުރެއްވި އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަމުގައި ފަނޑިޔާރުކަން ކުރެއްވި އިބްރާހީމް ބަހާއުއްދީން ފަނޑިޔާރު މަނިކުފާނަކީ ކުރެދިވަރު ބޭފުޅެކެވެ. މަޝްހޫރު ނަންފުޅަކީ ކުރެދިވަރު ފަނޑިޔާރު މަނިކުފާނެއެވެ. ޣިޔާސުއްދީން ރަދުން ނުވަތަ ހާޖީ ބަންޑާރައިން ރަސްކަންކުރެއްވީ މީލާދީން 19 ޖެނުއަރީ 1767 ން 12 ޑިސެމްބަރު 1773 އަށެވެ. ކުރެދިވަރު ފަނޑިޔާރު މަނިކުފާނު އަވަހާރަވީ ހިޖުރައިން 1182 ވަނަ އަހަރު ހާޖީ ބަންޑާރައިގެ ރަސްކަމުގައެވެ. ޣިޔާސުއްދީން ރަދުން ނުވަތަ ހާޖީ ބަންޑާރައިން ރަސްކަންކުރެއްވީ މީލާދީން 19 ޖެނުއަރީ 1767 ން 12 ޑިސެމްބަރު 1773 އަށެވެ. ކުރެދިވަރު ފަނޑިޔާރު މަނިކުފާނު އަވަހާރަވީ ހިޖުރައިން 1182 ވަނަ އަހަރު ހާޖީ ބަންޑާރައިގެ ރަސްކަމުގައެވެ. މިބޭފުޅަކީ ރަދުންގެ ދައިތާފުޅު މަރިޔަމް ކަނބާފާނުގެ ފިރިކަލުންނެވެ. ބުނެވޭގޮތުގައި ކުރެދިވަރަކީ ވަރަށް ފުދުންތެރި ރައްޔިތަކު އުޅުނު ރަށެކެވެ. ދައުލަތުގެ މަތީ ބޭފުޅުން އުޅުއްވަމުން ވަޑައިގެންނެވި ރަސްކަމުގެ ގަނޑުވަރާ ގުޅުންތަކެއް ހުރި ރަށެކެވެ. ގަނޑުވަރުގެ ބޮޑުނާކޮޅު ބަދަރުކުރާ އެއް މަންޒިލެވެ. ބޮޑުނާކޮޅު ފަޅަށް ވެއްދުމަށްޓަކައި އެރަށުގައި ބޮޑު ނެރެއް ރައްޔިތުން ކެނޑިއެވެ. އެ ނެރު ރައްޔިތުން ކެނޑީ ބޮޑެތި އާނުގަނޑުތަކާއި ބޮޑެތި މުޑުގާތައް ނަގައިގެންނެވެ. ބުނެވޭގޮތުގައި އެތަކެތި އެބައިމީހުން ނެގީ ދިޔަވަރު ހިކޭއިރަށް ބޮޑެތި ކިހި ބަނބުކެޔޮގުޅި ފަދަ ތަކެތި ގަލުގައި އައްސައިގެން ދިޔަވަރު ބޮޑުވުމުން އެތަކެތި އުފުރިގެން އައުމުންނެވެ. އެއީ އެޒަމާނަށް ބަލާއިރު ރަށެއްގެ ރައްޔިތުން ކުރަން ވަރަށް ބުރަ އަދި ވަރަށް ބޮޑު މަސައްކަތެކެވެ. ކުރެދިވަރުގައި އޮންނަނީ ދެ ނެރެއެވެ. އެއީ އަކިރިގަނޑު ނެރާއި މާނެރެވެ. އަކިރިގަނޑު ނެރަކީ ކުރެދިވަރުގެ ރައްޔިތުން އާންމުކޮށް ބޭނުންކުރަމުންއައި ނެރެއެވެ. މާ ނެރަކީ ރަސްމީ ދަތުރުފުޅުތަކުގައި ބޭނުންކުރާ ނެރެވެ. ކުރެދިވަރުގެ ތާރީޚަކީ ޤަދީމީ ތާރީޚެއްކަން ދައްކައިދޭ އާސާރީ ބިނާއަކީ އެރަށުގެ މިސްކިތެވެ. ނ. ކުރެދިވަރުގެ ހުކުރު މިސްކިތް ބިނާކުރެވުނީ އަލްއުސްތާޛް މުޒައްފަރު މުޙައްމަދު އިމާދުއްދީންގެ ރަސްކަމުގައި (1121ހ، (1709މ.) ވަނަ އަހަރުގައެވެ. (ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަން/ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު) ކުރެދިވަރު މީހުން އެރަށުން ފޭބީ އެރަށް ގިރަމުންގޮސް ހުކުރު މިސްކިތާއި އެމިސްކިތުގެ ގަބުރުސްތާނުން ބޮޑުބައެއް ގިރައިގެން ދިއުމާއި ރަށުގެ ފެން ލޮނުވުމުން، 27 ޖޫން 1943މ ގައެވެ. އެރަށު މީހުން ބަދަލުވީ ނ. އަތޮޅު ބޮމަސްދޫ އަށެވެ. ފަހުން ބޮމަސްދޫ ވެސް ގިރަން ފެށުމާއެކު އެރަށުގައި ވެސް ދިރިނޫޅެވިގެން ށ. ފަރުކޮޅުފުނަދޫ (މިހާރު ށ. ފުނަދޫ) އަށް މީހުން ބަދަލުވީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ