ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި ހއ. ކެލާ، ކޮކާގެ، މުހައްމަދު އާޒާދުއަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅައިފި އެވެ.
މި މައްސަލަ އެސްއޯއީ ކޮމިޓީއަށް ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.
ކުރިން ފައިނޭޝަލް ކޮންޓްރޯލާ އަކަށް ހުންނެވި މުހައްމަދު އާޒާދު އެމަގާމަަށް އައްޔަން ކުރެއްވީ މިދިޔަ އަހަރު ސެޕްޓެމްބަރުގައި އެމަގާމުގައި ކުރިން ހުންނެވި ފާތުމަތު ރަޒީނާ އިސްތިއުފާ ދެއްވުމުންނެވެ. އާޒާދަކީ ސީއެފްއޭ ޗާޓާ ހޯލްޑާއެއްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލާސް ޑިގްރީއަކާއި ސައިންސްއިން ފައިނޭންސް ދާއިރާއިން މާސްޓާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ، ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓެއްގެ މަގާމާއި އެސްއޯއީ ފައިނޭންޝިއަލް ކޮންސަލްޓަންޓްގެ މަގާމު އަދާކުރައްވާފައެވެ. އަދި ހަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ. މީގެއިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބޯޑު މެމްބަރުކަންވެސް އާޒާދު ވަނީ ފުރުއްވާފައެވެ.ޕްރައިވެޓައިޒޭޝަން ބޯޑު އެކުލެވިގެންވަނީ ބޯޑުގެ ރައީސް އާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތް މެންބަރުންގެ މައްޗަށެވެ. ބޯޑަށް މެންބަރުން އައްޔަންކުރަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުންނެވެ.







