މާލެ: 31°C

އާސަންދައިގެ ހަރަދު ބޮޑުވީ އިންތިހާބަށްތޯ ބަލަން ނަޝީދު އެދިވަޑައިގެންފި

February 7, 2023
2 ފަހަރު ބަލާފައި
އާސަންދައިގެ ހަރަދު ބޮޑުވީ އިންތިހާބަށްތޯ ބަލަން ނަޝީދު އެދިވަޑައިގެންފި
އާސަންދައިގެ ހަރަދު ބޮޑުވީ އިންތިހާބަށްތޯ ބަލަން ނަޝީދު އެދިވަޑައިގެންފި
ދައުލަތުގެ ހެލްތު އިންޝުއަރެންސް ނިޒާމު "އާސަންދަ" އަށް ކުރި ހަރަދު ކުއްލިއަކަށް ވަރަށް ބޮޑުވެފައިވާ ކަމަށާއި އެއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ހެދި ވީ ގޮތެއްތޯ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައްލަވަން، އެ މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ. މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި މެމްބަރެއްގެ ވާހަކަ ނިންމަވައި، އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ މިދިޔަ ޖެނުއަރީ މަހު އާސަންދައަށް ކުރި ހަރަދު މިދިޔަ އަހަރު އަހަރުގެ ޖެނުއަރީ މަހާ އަޅައި ބަލާއިރު ހަތަރު ގުނަ އަށް އިތުރުވެފައިވާ ކަމަށެވެ. އެކަން އެނގިވަޑައިގެންނެވީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުންނެވެ.
"އާސަންދައަށް މިދިޔަ އަހަރު ޖެނުއަރީ މަހު 67.9 މިލިޔަން ރުފިޔާ ހަރަދުކުރެވުނީ. މިއަހަރުގެ ޖެނުއަރީ މަހު 283.4 މިލިޔަން ރުފިޔާ އާސަންދައަަށް ހަރަދުކުރެވިއްޖެ. އެހެންވީމާ މިދިޔަ އަހަރުގެ ޖެނުއަރީމަހާ މިއަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު ހަތަރު ގުނައިން ބަލިމީހުން އިތުރުވެގެން ހިނގައްޖެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ހަގީގަތުގައި ވެސް ބަލިމީހުން އިތުރުވެގެން ވީ ގޮތެއްތޯ މަޖިލީހުން ބަލަން ޖެހޭ ކަމަށާއި އެކަންކަމާ ގުޅޭ ގޮތުން މެމްބަރުން ވިސްނާ ވަޑައިގަންނަވާނެކަން ޔަގީން ކަމަށެވެ. ސަރުކާރުން ޝާއިއުކުރާ އެފަދަ މައުލޫމާތު މެމްބަރުން ބައްލަވާނެކަން ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. "ހަތަރު ގުނައިން ބަލިމީހުން އިތުރުވެގެން ހިނގައްޖެ. ދެން އެއީ އެތެރޭގެ އިންތިހާބަކާ ގުޅިގެން އައި ބަދަލެއްތޯ، ނުވަތަ ހަގީގަތުގައި ވެސް ބަލިމީހުންތައް ހަތަރުގުނައަށް އިތުރުވެގެން ދިޔައީތޯ މިއީ މިމަޖިލީހުން އަހަން ޖެހޭ ސުވާލު،" ނަޝީދު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވީ އިއްޔެ އެވެ. މަޖިލިސް ހުޅުވާ ޖަލްސާގެ އެޖެންޑާގައި އޮންނަ ހަމައެކަނި ކަމަކީ ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން ކަމަށް ވާތީ މަޖިލީހުގެ އާއްމު މަސައްކަތްތައް ފެށީ މިއަދު އެވެ. މިއަދުގެ ޖަލްސާގައި އިދިކޮޅު ބައެއް މެމްބަރުން އަޑުގަދަ ކުރެއްވި އިރު އެކަން ހުއްޓުވަން ނަޝީދު އެއްވެސް މަސައްކަތެއް ނުކުރެއްވުމުން އެމްޑީޕީގެ ބައެއް މެމްބަރުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ