މާލެ: 31°C
އާއްމުން އުކާލާ ކުނި ޓަނަކުން ނަގަމުން އަންނަ 750 ރުފިޔާ، 500 ރުފިޔާއަށް ހެޔޮކުރުމަށް ރައީސް ނިންމަވައިފި

އާއްމުން އުކާލާ ކުނި ޓަނަކުން ނަގަމުން އަންނަ 750 ރުފިޔާ، 500 ރުފިޔާއަށް ހެޔޮކުރުމަށް ރައީސް ނިންމަވައިފި

April 1, 2024
3 ފަހަރު ބަލާފައި
އާއްމުން އުކާލާ ކުނި ޓަނަކުން ނަގަމުން އަންނަ 750 ރުފިޔާ، 500 ރުފިޔާއަށް ހެޔޮކުރުމަށް ރައީސް ނިންމަވައިފި
މާލެ ސަރަހައްދުން ވެމްކޯގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަނަށް އާއްމު ރައްޔިތުން ގެންދާ ކުނި ޓަނަކުން މިހާރު ނަގަމުން އަންނަ އަގު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދާންދޫ ދާއިރާގެ ޕީއެންސީގެ ކެނޑިޑޭޓު ފަޒީލްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރައްޔިތުން އުކާލާ ކުނި ޓަނަކުން ނަގަމުން އަންނަ އަގު 500 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ވެމްކޯއަށް ގެންދާ ކުނިޓަނަކުން އާއްމުންގެ އަތުން ނަގަމުން އައިސްފައިވަނީ 750 ރުފިޔާއެވެ. ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ކުނި ޓަނަކުން ނަގަމުންއައި 1060 ރުފިޔާއެވެ. އެއަދަދު 750 ރުފިޔާއަށް ކުޑަކޮށްފައިވަނީ މިއަހަރުގެ ތެރޭގައެވެ. ކުނި ފީ ކުޑަކުރުމަށް ނިންމުމާ ގުޅިގެން ރައީސް ވިދާޅުވީ ރައްޔިތުން އުކާލާ ކުނިން ނަގަމުން އަންނަ ފީގެ އަދަދު މިއަހަރުގެ ކުރީކޮޅު ސަރުކާރުން ކުޑަކުރި ނަމަވެސް އަދިވެސް އެ އަދަދު ބޮޑުކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުން ވެމްކޯއަށް ގެންދާ ކުނިން ނަގާ ފީއަށް ސަރުކާރުން ގެނައައުމަށް ނިންމި ހެޔޮ ބަދަލު ވަރަށް އަވަހަށް އިއުލާނު ކުރާނޭކަމަށެވެ. "މިހާރުވެސް އެއްފަހަރު ފިޔަފާރިތަކަށާއި، ކުންފުނިތަކަށް އަގުކުޑަކޮށްފި. ޓަނަކަށް 750 ރުފިޔާ މިނަގަނީ.. އެ ނެގީމަ އެންމެ ކުދިކުދި ޕިކަޕްތަކުގައި ގެންދާއިރުގައިވެސް އާއްމުންނަށް ވަރަށްބޮޑު އެއްޗަކަށް މިވަނީ. އެހެންވީމައި ވަރަށް ގިނަ ރައްޔިތުންގެ އެދުމެއް އޮތްކަމެއް މިއީ.. އަޅުގަނޑު މިހާރު މެމްކޯގެ މެނޭޖިންގ ޑިރެކްޓަރާ އަދި ކަމާ ބެހޭ ވަޒީރުންނާވެސް ވާހަކަދައްކާފައިވާނީ.. އެހެންވީމައި އިރާދަކުރެއްވިއްޔާ ޓަނަކަށް ނަގަމުން މިއަންނަ 750 ރުފިޔާ، 500 ރުފިޔާއަށް ސަރުކާރުން ކުޑަކޮށްދޭނެ" ރައީސް ވިދާޅުވިއެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ، ވެމްކޯއަކީވެސް މިދިޔަ ސަރުކާރު ނިމުނުއިރު ވަރަށް ހާލުގައި އޮތް ކުންފުންޏެއް ކަމަށާއި، ސަރުކާރުގެ އެހެން ކުންފުނިތައް ގޮތަށް އެކުންފުނިވެސް ހަރުދަނާ ކުރަމުން އަންނަ ކަމަށެވެ. އެމަސައްކަތް އެ ބީދައިން ކުރަމުން އަންނައިރުވެސް ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަކަށް ކަންކަން އިންތިޒާމުކުރުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައްޔިތުން ވެމްކޯއަށް ނަގަމުން އަންނަ ކުނި ފީ ކުޑަކުރުމަށް ރައީސް ނިންމަވާފައިވާއިރު، މިފަހަރުގެ ރަމަޟާންމަހާއެކު މަގުތަކުގައި ކުނިތައް ވެމްކޯއާ މާލެ ސިޓީ ކައުންސިލުން ދަނީ، ރައްޔިތުން މަގުތަކަށް އަޅަމުންދާ ކުނިތައް ނަގަމުންނެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް އެތައް ޓަނެއްގެ ކުނި، މާލެ އަދި ހުޅުމާލޭގެ މަގުތަކުން ނަގައި އުކާލަމުންދާކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ