57 ރަށެއްގައި ހައުސިންގޔުނިޓް އަޅައިދޭނެ ފަރާތްތައް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ރާއްޖޭގެ 57 ރަށެއްގައި ޕަބްލިކް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ބޯހިޔާވެހިކަމުގެ މަޝްރޫޢުއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ މަޝްރޫޢުގައި ހިމެނެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 12،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ރާއްޖޭގެ 57 ރަށެއްގައި ޤާއިމްކުރުމުގެ މަސައްކަތް ކަމަށެވެ.. މިގޮތުން އެ މަޝްރޫޢުގެ ދަށުން އިޢުލާނު ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ.) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ (ގަވާއިދު ނަންބަރު: R-158/2023) ގެ ބާބު 10 ގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކަމަށެވެ.
އެގޮތުން ހައުސިންގ މަޝްރޫޢުތައް ހިންގަން ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ކެޓަގަރީތަކަށް އެކި ބާވަތުގެ ފައިނޭންޝަލް މޮޑެލް އޮޕްޝަންތައް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނެކަމަށާއި، ފައިނޭންޝަލް މޮޑެލްތަކާއި އެ މޮޑެލްތަކުގެ ތަފްސީލީ މަޢުލޫމާތު މި މަޝްރޫޢުގެ ދަށުން ކުރެވޭ އިޢުލާންތަކުގެ ސްޕެސިފިކް ޕްރޮކިއުމަންޓް ނޯޓިސްތަކާއެކު ފޯރުކޮށްދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އަށް ހުޅުވާލެވޭ ކޮންޓްރެކްޓްތަކަށް ޚާއްޞަ ޕްރޮކިއުމަންޓް ނޯޓިސްތައް، ފެބްރުއަރީ 2025 ގައި، އިޢުލާންކުރެވޭނެ ކަމަށާއި އަދި ޕްރީ-ކޮލިފިކޭޝަނަށް ދަޢުވަތު ދިނުމަށް މެއިލިންގ ލިސްޓުގައި ހިމެނުމަށް އެދޭ ފަރާތްތަކުން ނުވަތަ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން tender@finance.gov.mv އަށް އީމެއިލް ކުރެއްވުމަށް ވެސް އެ އިއުނާނުގައި ބުނެފައިވެއެވެ.
ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކާއި ވަކިވަކި ރަށްރަށުގައި ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ އަދަތުރަށް 212436.pdf ލިސްޓުން ފެނިލައްވާނެއެވެ.







