މާލެ: 31°C
43 އަހަރު ހިދުމަތްކުރި މީހުންގެ ނަންތައް އިނާމު ކޮމިޓީއަށް ފޮނުވަން ނިންމައިފި

43 އަހަރު ހިދުމަތްކުރި މީހުންގެ ނަންތައް އިނާމު ކޮމިޓީއަށް ފޮނުވަން ނިންމައިފި

March 24, 2024
3 ފަހަރު ބަލާފައި
43 އަހަރު ހިދުމަތްކުރި މީހުންގެ ނަންތައް އިނާމު ކޮމިޓީއަށް ފޮނުވަން ނިންމައިފި
43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އަރުވައިފައިނުވާ ބޭފުޅުންގެ ރެކޯޑު ހޯއްދެވުމަށްފަހު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންނަށް މިދިޔަ އަހަރު ވަނީ އިނާމު އަރުވައިފައެވެ. ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ނިންމަވާފައިވަނީ ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންގެ ކުށާއި ދަރަނީގެ ރެކޯޑާއި، އަދާކުރެއްވި ވަޒީފާތަކާއި، ވަޒީފާ އަދާކުރެއްވި ގޮތުގެ ތަފްސީލު މައުލޫމާތު، އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވައިގެން، އެ ކޮމިޓީން ބައްލަވަންޖެހޭ ކަންތައްތައް ބެއްލެވުމަށްފަހުގައި، އެ ބޭފުޅުންނަށް އިނާމު އެރުވުމަށް ކަމަށެވެ. އެގޮތަށް ހަމަޖައްސާފައިވަނީ ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ގިނަ ބޭފުޅުންނަށް އަމިއްލަފުޅު ރެކޯޑުތައް ހޯއްދެވުމުގައި ދަތިތަކެއް ކުރިމަތިވުމާއި އަދި އޭރު އެ ބޭފުޅުން ހިދުމަތް ކުރެއްވި ބައެއް މުއައްސަސާތައް އުވާލައްވައިފައި ވުމާއެކު، މައުލޫމާތު އެއްކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާތީ، އެކަމަށް ހައްލެއް ގެނެސްދެއްވުމަށް ކަމަށް ވެސް ބުނެފައިވެއެވެ. ރައީސް އޮފީހުން ބުނީ މިގޮތަށް ކަނޑައެޅުއްވުމުން 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ ބޭފުޅުން، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް މިހާރު ހުޅުއްވައިލައްވައިފައިވާ ފުރުސަތުގައި، އިނާމަށް ނަން ހުށަހަޅުއްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި 40 އަހަރާއި 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ރެކޯޑާއި މައުލޫމާތުވެސް ހޯއްދެވުމަށްފަހު، ކުރިއަށް އޮތް އަހަރުތަކުގައި، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވާ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ. ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މި އަހަރު ދެއްވުމަށް ހަމަޖައްސަވައިފައި ވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ