32 ރަށެއްގައި ކުނި މެނޭޖުކުރާ ވަސީލަތް ގާއިމްކުރުމަށް ވެމްކޯއާއި ހަވާލުކޮށްފި އެވެ.
32 ރަށެއްގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާ ވަޞީލަތްތަކާއި އިންފްރާސްޓްރަކްޗަރ ގާއިމް ކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤު އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ކުނި މެނޭޖްކުރަން ބޭނުންވާ ވަޞީލަތްތަކާއި މަރުކަޒުތައް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތަށް އެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ތޯރިގް އިތުރަށް ވިދާޅުވީ ކުނި މެނޭޖްކުރުމުގެ އެކަށޭނަ ނިޒާމެއް ހުރިހާ ރަށެއްގައި ޤާއިމުކުރުމަށްޓަކައި ކުނި މެނޭޖްކުރާ މަރުކަޒު ނުވަތަ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ޖުމްލަ 128 ރަށުގައި ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.
މިހާރު މި ސޮއިކުރެވުނު 32 ރަށުގެ އިތުރުން ބާކީ ހުރި ރަށްރަށުގައި ވަޞީލަތް ޤާއިމްކުރުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން." މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ އެކަށޭނަ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރަށްރަށް ހިމެނޭ ސަރަހައްދުގައި ޤާއިމުވެގެން ތިބޭ ވެމްކޯގެ މުވައްޒަފުން ކަމަށެވެ. އެހެންކަމުން ބޭރުގެ ބަޔަކަށް މަސައްކަތް ހަވާލުކުރަން ނުޖެހި، ޚަރަދު ކުޑަކޮށް މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް މުޖްތަބާ ވިދާޅުވިއެވެ.
އަޅުގަނޑުމެން ކުނި މެނޭޖްކުރަން އިމާރާތްތައްވެސް މި ހަދަނީ. އެހެންވީމަ އަޅުގަނޑުމެންގެ މުވައްޒަފުންނަށް އެނގޭނެ އެ ރަށެއްގައި ކުނި މެނޭޖްކުރަން އެންމެ ފަސޭހަ ތަނަވަސް ގޮތަށް އިމާރާތް ހަދަން. އަދި އަޕްގްރޭޑްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަން." މުޖްތަބާ ވިދާޅުވިއެވެ.
އިތުރަށް މުޖުތަބާ ވިދާޅުވީ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އަރބަން ސެންޓަރުތައް ޤާއިމްކުރާ ހުރިހާ ރަށަކާއި އަތޮޅު ވެރިކަންކުރާ ހުރިހާ ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށުން ކަމަށެވެ.
މަސައްކަތް ކުރިއަށް ގެންދިއުމަށް ވެމްކޯއާ ހަވާލުކުރި 34 ރަށް:
• ހއ. ދިއްދޫ
• ހއ. ހޯރަފުށި
• ހއ. އިހަވަންދޫ
• ހއ. ވަށަފަރު
• ހދ. ކުޅުދުށްފުށި
• ކ. ދިއްފުށި
• ކ. ގާފަރު
• ކ. ގުޅި
• މ. މަޑުއްވަރި
• މ. ނާލާފުށި
• މ. ރަތްމަންދޫ
• މ. ވޭވަށް
• ފ. ބިލެއްދޫ
• ފ. ދަރަބޫނދޫ
• ފ. ފިއަލި
• ތ. ދިޔަމިގިލި
• ތ. ގާދިއްފުށި
• ތ. ހިރިލަންދޫ
• ތ. ކަނޑޫދޫ
• ތ. ވޭމަންޑޫ
• ތ. ވިލުފުށި
• ލ. ހިތަދޫ
• ލ. އިސްދޫ
• ލ. ކަލައިދޫ
• ލ. ކުނަހަންދޫ
• ލ. މާބައިދޫ
• ލ. މާމެންދޫ
• ލ. މާވަށް
• ލ. މުންޑޫ
• ގދ. ތިނަދޫ
• ޏ. ފުވައްމުލައް
• ސ. ހުޅުމީދޫ
• ދ. ހުޅުދެލި
• ދ. މީދޫ
ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރުގެ 3 ވަނަ ކުއާޓަރުގެ ތެރޭގައި މި މަސައްކަތް ހުރިހާ ރަށެއްގައި ނިންމާލުމަށެވެ.
މި އަހަރު ނިމުމުގެކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެކަށޭނަ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.







