މާލެ: 31°C

ފަނޑިޔާރުންގެ ސަސްޕެންޝަނާ ގުޅިގެން ދުސްތޫރީ މައްސަލަ ހުއްޓިއްޖެ

February 26, 2025
147 ފަހަރު ބަލާފައި
ފަނޑިޔާރުންގެ ސަސްޕެންޝަނާ ގުޅިގެން ދުސްތޫރީ މައްސަލަ ހުއްޓިއްޖެ
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ހުއްޓުމަކަށް އައިސްފި އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ހުއްޓުމަކަށް އައިސްފި އެވެ.

ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ. މި މައްސަލަ ބަލަމުންދިޔައީ ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުންނެވެ.

މި މައްސަލަ ހުށަހަޅާފައިވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް މަދުކުރުމަށް ކޯޓުތަކާ ބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅާ، މިއަދު ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ. އެ އިސްލާހު ފާސްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރަކު ޖޭއެސްސީން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ސަސްޕެންޑް ކޮށްފައިވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. މި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ދުސްތޫރީ މައްސަލައިގެ ތެރެއިން ހުށަހަޅާފައިވާ ވަގުތީ އަމުރާ ގުޅޭ މައްސަލައެއް މިއަދު 11:00 އަށް ސުޕްރީމް ކޯޓުގައި އެޖެންޑާ ކޮށްފައިވަނިކޮށެވެ.

ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމުން މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ 4 ފަނޑިޔާރުންނެވެ. ކޯޓުތަކުގެ ގާނޫނު ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެހެންކަމުން މިއާއެކު ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުންދިޔަ މައްސަލަ ހުއްޓުމަކަށް އަންނާނެ އެވެ.

ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީ އިސްލާހުކޮށްފައިވަނީ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ އެދުވަހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާ، މި ބިލުގެ ބަހުސް ކުރިއަށް ގެންގޮސް، ކޮމިޓީގެ މަސައްކަތް ނިންމާ، މަޖިލީހުން ބިލު ފާސްކޮށް އަދި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާފައިވެ އެވެ.

މި އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި އެ މެންބަރަކު ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ