ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަަލަތައް އެއްވެސް ނުފޫޒެއް ނެތި ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.
އޭސީސީން ނެރުނު ބަޔާނުގައި ބުނީ ކޮރަޕްޝަންގެ ތުހުމަތެއްކޮށް އެއްވެސް ފަރާތެއްގެ މައްސަލަ ހުށަހަޅައިފިނަމަ އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި އެފަދަ ފަރާތެއްގެ މައްސަލަ ބެލުމަކީ އެ ކޮމިޝަންއަށް ގާނޫނީ ގޮތުން ވާޖިބު ކަމެއް ކަމަށެވެ.
"އެއްވެސް ފަރާތެއްގެ ނުފޫޒަށް ލެނބުމެއް ނެތި ވަކި ފަރާތަކަށް ބުރަ ނުވެ ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ" އޭސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ގާނޫނުތަކާއި ގަވައިދުތަކިން އޭސީސީގެ މައްޗަށް މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން މައްސަލަ ބަލަމުންދާނެ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ޖިނާއީ ތަހުގީގެއް ހިންގަން ފެށުމުން ޖޭއެސްސީން ވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ މަސްޢޫލިޔަތުތަކުން ސަސްޕެންޓްކޮށްފައެވެ. އަދި ފަހުން ޖޭއެސްސީން ބުނެފައިވާ ގޮތުގައި ޖޭއެސްސީ އިން ވެސް އެތިން ފަނޑިޔާރުގެ ސުލޫކީ މައްސަލަތަކެއް ގެންދަނީ ބަލަމުންނެވެ.







