މާލެ: 31°C

2024 ވަނަ އަހަރު ސިވިލްކޯޓުން 5432 މައްސަލަ ނިންމި: ސިވިލްކޯޓް

February 10, 2025
227 ފަހަރު ބަލާފައި
2024 ވަނަ އަހަރު ސިވިލްކޯޓުން 5432 މައްސަލަ ނިންމި: ސިވިލްކޯޓް
2024 ވަނަ އަހަރު ސިވިލްކޯޓުން 5432 މައްސަލަ ނިންމާފައިވާކަމަށް އެ ކޯޓުގެ ވޭތިވެދިޔަ އަހަރުގެ ތަފާސް ހިސާބު ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ.

2024 ވަނަ އަހަރު ސިވިލްކޯޓުން 5432 މައްސަލަ ނިންމާފައިވާކަމަށް އެ ކޯޓުގެ ވޭތިވެދިޔަ އަހަރުގެ ތަފާސް ހިސާބު ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ.

އެ ކޯޓުން މިއަދު އާއްމުކޮށްފައިވާ 2024 ވަނަ އަހަރުގެ ތަފާސްހިސާބުގައި ބުނެފައިވާ ގޮތުން ސިވިލްކޯޓަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ތެރެއިން އެއް ކޯޓަކަށް އެއްމެ ގިނަ މައްސަލަ ހުށަހެޅޭ ކޯޓެވެ.

މިގޮތުން 2024 ވަނަ އަހަރު ޖުމްލަ 5142 މައްސަލަ ސިވިލް ކޯޓު އަދި ސިވިލް ކޯޓް ހުޅުމާލެ ޑިވިޝަންގައި ރަޖިސްޓަރީކޮށްފައިވެއެވެ. އަދި މި އަދަދަކީ 2023 ވަނަ އަހަރާ އަޅާބަލާއި 12.96 އިންސައްތައިގެ އިތުރުވުމެއްކަމަށްވެސް ބުނެފައިވެއެވެ.

ސިވިލް ކޯޓުން ބުނެފައިވަނީ އެ ކޯޓުން ބަލާ މައްސަލަތައް ބެހިގެންދާ މައިގަނޑު 3 ބާވަތެއް ހިމެނޭ ކަމަށާއި، އެއީ އިހްތިލާފް އޮންނަ ބާވަތުގެ ދައުވާ ތަކާއި އިޙްތިލާފެއް ނެތް ބާވަތުގެ މައްސަލަ ތަކާއި އަދި ހުކުމް ތަންފީޒް ކުރުމުގެ މައްސަލަ ތަކެވެ. އޭގެ ތެރެއިން 2024 ވަނަ އަހަރު އެންމެ ގިނައިން ރަޖިސްޓަރީ ކުރެވިފައިވަނީ އިޙްތިލާފް އޮންނަ ބާވަތުގެ ދައުވާ ތަކެވެ. އެއީ 2419 ދައުވާ ކަމަށާއި، އަދި އިޙްތިލާފް ނެތް ބާވަތުގެ 515 މައްސަލައާއި ހުކުމް ތަންފީޒް ކުރުމުގެ 2208 މައްސަލަ 2024 ވަނަ އަހަރު އެ ކޯޓްގައި ރަޖިސްޓަރީ ކޮށްފައި ވެއެވެ.

އެ ކޯޓުން ނެރެފައިވާ 2024 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ކޯޓުގައި 2024 ވަނަ އަހަރު ނިމުނުއިރު ނުނިމި ހުރި މައްސަލަތަކުގެ  އަދަދަކީ 4759 އެވެ. އަދި އޭގެތެރެއިން 2368 މައްސަލައަކީ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކެވެ. އަދި އެ މައްސަލަތަކުގެ ތެރޭގައި އެ އަހަރު ރަޖިސްޓަރީ ކުރެވުނު 2449 މައްސަލަ ހިމެނެއެވެ. 

މަދަނީ އިޖުރާއަތުގެ ޤާނޫނަށް 2022 ވަނަ އަހަރު އަމަލުކުރަން ފެށުނު ފަހުން މަދަނީ އަދުލުގެ ނިޒާމު ހުއްޓުމަކަށް އައިސްފައިވާކަމަށް ބުނެ އެ ޤާނޫނަށް އިސްލާޙުތަކެއް ހުށަހަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިދިޔަ އަހަރު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވެއެވެ. 

ސިވިލް ކޯޓުގައި މައްސަލަތައް ނުނިމި ލަސްވާން ދިމާވާ ސަބަބާ މެދު ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޚިޔާލު ތަފާތެއެވެ. ބައެއް ފަރާތްތަކުން އެކަމުގެ ސަަބަބަކީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފެށުމުން ދިމާވި ކަމެއްކަމުގައި ބުނިނަމަވެސް އަނެއްބައި މީހުން ބުނާ ގޮތުން ސިވިލް ކޯޓުގައި މައްސަލަ ނުނިމި ލަސްވާން ދިމާވެފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނު އަށް ޢަމަލުކުރަން ފެށުމުން ނޫންކަމާއި އެ ކޯޓުގައި ގިނަވެގެން އުޅެނީ ޙުކުމް ތަންފީޛު ނުކުރެވިފައިވާ މައްސަލަތައްކަމެވެ. އަދި އެކަމަށް މެދުވެރިވެފައިވާ ސަބަބަކީ ޙުކުމް ތަންފީޛުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކޯޓަށް ބޭނުންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ކޯޓުން އަޅަންޖެހޭ ފިޔަވަޅުތައް ލަސްވުމުގެ ސަބަބުން ދިމާވާ ކަމެއްކަމުގައެވެ. 

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ