މާލެ: 31°C

200 އަށް ވުރެ ގިނަ ރިސާޗަރުންނާއެކު ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސެއް އައިޔޫއެމް އިން ފަަށައިފި

200 އަށް ވުރެ ގިނަ ރިސާޗަރުންނާއެކު ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސެއް އައިޔޫއެމް އިން ފަަށައިފި
May 6, 2023
2 ފަހަރު ބަލާފައި
200 އަށް ވުރެ ގިނަ ރިސާޗަރުންނާއެކު ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސެއް އައިޔޫއެމް އިން ފަަށައިފި
ރާާއްޖެ އާއި ރާއްޖޭން ބޭރުގެ 200 އަށް ވުރެ ގިނަ ރިސާޗަރުން ބައިވެރިކޮށްގެން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އިން އިންތިޒާމުކުރި އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައި.ސީ.އައި.އޭ) ގެ މި އަހަރުގެ ކޮންފަރެންސް މިއަދު ހެނދުނު ފަށައިފި އެވެ. ދެ ދުވަހުގެ މުއްދަތަކަށް އެ ޔުނިވާސިޓީގައި ކުރިއަށް ގެންދާ މި ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އެވެ. [caption id="attachment_88176" align="aligncenter" width="800"] މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން[/caption] ކޮންފަރެންސް ހުޅުވުމުގެ ގޮތުން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިރާސާކުރުމާއި ކަންކަން ހޯދައި ބަލައި ތަހުގީގުކުރުމަކީ ހަމައެކަނި ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ހާއްސަ ކަމެއް ނޫން ކަމަށާއި މިއީ މުޅި މުޖުތަމައު އެކަމެއްގައި ބައިވެރިވާން ޖެހޭ ކަމެއް ކަމަށެވެ. "ގައުމެއްގެ އިގުތިސާދާއި ތިމާވެށްޓާއި ޑިމޮކްރަސީ އާއި އާއްމު ދިރިއުޅުމުގެ ކަންކަން ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި، ދިރާސާތައް ހެދުމަކީ ވަރަށް މުހިއްމު" މިނިސްތަރު ވިދާޅުވިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވަނީ ފަސޭހަ މަގުގައި އަބަދު ނުތިބެ، މުޖުތަމައު އަށް ބޭނުން ހިފޭނެ އަދި އާއްމު ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނެ ތަފާތު ދާއިރާތަކުން ދިރާސާތައް ހެދުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޓެކްނޮލޮޖީގެ ފަސޭހަތައް ލިބި އެތައް ގޮތަކުން ކުރިއެރުން ލިބިފައިވާ ކަމަށާއި އެކަމަކު ޓެކްނޮލޮޖީ އަކީ ގޯސް މައުލޫމާތު ފެތުރުމަށް ވެސް ބޭނުންކުރާ ހަތިޔާރަކަށް ވާތީ އެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ. އިތުރަށް ވިދާޅުވީ ދިރާސާއެއްގެ ފެންވަރަކީ އެއްވެސް ހާލެއްގައި ކޮމްޕްރޮމައިޒްކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެގޮތުން ދޮގު މައުލޫމާތުން އިންޓަނެޓް ފުރިފައިވާ މި ޒަމާނުގައި، ދިރާސާއެއްގައި ތެދު މައުލޫމާތު ހިމެނުމަށް ކުރިއަށް ވުރެ ސަމާލުވާން ޖެހޭ ކަމަށެވެ. އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ރިސާޗަރުން މި ކޮންފަރެންސަށް ވަޑައިގަންނަވަނީ އަގުހުރި ތަޖުރިބާތަކާއި މައުލޫމާތުތަކާއި ހިކުމަތްތަކާ އެކު ކަމަށާއި އެ ބޭފުޅުންގެ ދިރާސާތަކާއި މަޝްވަރާތަކުން، ބައިވެރިންނަށް ނުހަނު ފައިދާތައް ކުރާ ކަމަށެވެ. [caption id="attachment_88175" align="aligncenter" width="800"] އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ[/caption] އެގޮތުން މި އަހަރުގެ ކޮންފަރެންސުން ވެސް ބައިވެރިންނަށް، މުޖުތަމައު އަށް ފައިދާކުރުވަނިވި ކަންކަން ދަސްވާނެ ފަދަ ތަޖުތިބާއެއް ކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. މިއީ ދިވެހިރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސެވެ. މި ކޮންފަރެންސްގައި މައިގަނޑުކޮށް އޮންނާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިލްމީ ބޭފުޅުން ދިރާސާ ކަރުދާސް ހުށަހެޅުއްވުމާއި، ޕެނަލް ޑިސްކަޝަން އެވެ. މީގެ އިތުރުން ކޮންމެ ދުވަހެއްގެ ވެސް ފެށުމުގެ ރަސްމިއްޔާތުގައި ކީނޯޓު ތަގުރީރު އޮންނާނެ އެވެ. މި ފަހަރު ކީނޯޓު ދެއްވާ އެއް މައުލޫއަކީ މަތީ ތައުލީމުގެ މަރުހަލާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވޭނެ ގޮތްތަކާއި އެކަމަށް ހުރި ގޮންޖެހުންތަކެވެ. އަނެއް މައުލޫއަކީ ރާއްޖެ ދުށް އެންމެ ކުޅަދާނަ އެއް އަދީބު ކަމަށްވާ ފަޟީލަތުއްޝައިހުލް އުސްތާޒް ހުސެއިން ސަލާހުއްދީނުގެ ލިޔުއްވުންތަކުގައި ހުރި ބަހަވީ އަދި އިޖުތިމާއީ ކުރިއެރުންތަކެވެ. ޖުމްލަ 223 ރިސާޗަރުން ބައިވެރިވާ މި ކޮންފަރެންސުގައި 52 ކަރުދާސް ހުށަހަޅާނެ އެވެ. ކަރުދާސް ހުށަހަޅާ މައުލޫތަކުގެ ތެރޭގައި ހަލާލް ޓޫރިޒަމް، އިސްލާމިކް ފައިނޭންސް، އަންހެނުންގެ ސިއްހަތު، ނަފްސާނީ އިލްމު، އަދަބިއްޔާތު، މާލީ ނިޒާމު އަދު ޒުވާނުންގެ ދާއިރާ ހިމެނެ އެވެ. ޖުމްލަ ތިން ބަހަކުން ކަރުދާސްތައް ހުށަހަޅާނެ އެވެ. އެއީ ދިވެހި، އަރަބި އަދި އިނގިރޭސި އެވެ. މި އަހަރުގެ ކޮންފަރެންސްގެ ސްޕޮންސަރުންނަކީ މޯލްޑިވްސް ޕެންޝަން އޮފީސް، ސްޓެލްކޯ، އުރީދޫ، ދިރާގު، އައި.އައި.އައި.ޓީ، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އަމާނާ ތަކާފުލް އެވެ. އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައި.ޔޫ.އެމް އިން މި ކޮންފަރެންސް ބާއްވަން ފެށީ 2016 ގަ އެވެ. ކޮވިޑުގެ ސަބަބުން 2020 އަދި 2021 ގައި ބޭއްވީ ހައިބްރިޑްކޮށެވެ. އޭގެ ފަހުން މިދިޔަ 2022 ގައި ވަނީ ކުރިއެކޭ އެއްގޮތަށް ފިޒިކަލްކޮށް ބާއްވައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ