މާލެ: 31°C

144 ރަށަކަށް އާ ޖަނަރޭޓަރު ފޯރުކޮށްދެވިއްޖެ: ރައީސް ސޯލިހު

December 24, 2022
2 ފަހަރު ބަލާފައި
144 ރަށަކަށް އާ ޖަނަރޭޓަރު ފޯރުކޮށްދެވިއްޖެ: ރައީސް ސޯލިހު
144 ރަށަކަށް އާ ޖަނަރޭޓަރު ފޯރުކޮށްދެވިއްޖެ: ރައީސް ސޯލިހު
އެއްވެސް ރައްޔިތެއް ބާކީ ނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިއްޖެ ކަމަށާއި ފެނަކަ މެދުވެރިކޮށް މިހާތަނަށް 144 ރަށަކަށް އާ ޖަނަރޭޓަރު ފޯރުކޮށްދެވިއްޖެކަމުގައި ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ. ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ މި ތަފާސް ހިސާބު ހާމަކުރެއްވީ ރައީސް ސޯލިހު ގއ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ނިލަންދޫގެ ފެނަކަ އިންޖީނުގެ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މީގެ ހަތަރު އަހަރު ކުރިން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ރާއްޖޭގެ ގިނަ ރަށްތަކުގެ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ނުލިބޭކަމަށާއި، މީގެ ކުރިން ރާއްޖޭގެ ބައެއް ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ގާއިމުކޮށްފައިވަނީ ރައްޔިތުންގެ އަމިއްލަ ހަރަދުގައި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ސިޔާސަތުތަކަށް ހެއްދެވީ އެއްވެސް ރައްޔިތެއް ބާކީ ނުކޮށް ރާއްޖެގެ ހުރިހާ ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނިލަންދުއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ނިލަންދޫ ކައުންސިލްގެ މެންބަރުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާ ބައްދަލުކުރެއްވި އެވެ. އެރަށުގެ ތަރައްގީއަށް މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު އެ ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ރައީސްއާ ހިއްސާކުރެއްވި އެވެ. ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށްގިރުމުގެ މައްސަލައާއި، ބަނދަރު ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ވެސް ކައުންސިލް އިދާރާގެ އިމާރާތުގެ ދަތިކަމާއި، ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމަށާއި، ނަރުދަމާ ނިޒާމާއެކީ ރަށުގެ މަގުތައް ވެސް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. ނިލަންދޫގައި ހުޅުވި އާ އިންޖީނުގޭގައި 1050 ކިލޯވޮޓުގެ އިންޖީނު މިވަގުތު ބަހައްޓާފައި ވާއިރު، މި އިންޖީނުގެ ޑިޒައިން ކޮށްފައި ވަނީ 400 ކިލޯވޮޓުގެ ތިން ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ