ރަސްމާލެ ވިއްކާލާ މުއާމަލާތް މިހާރު އޮތް ގޮތުން އެންމެ ނުރައްކާ ކަމަކީ އެތަން ގަންނަ މީހުންގެ ދީނީ ހައްގުތައްވެސް އުފަންވެދާނެ ގޮތަކަށް އެ މުއާމަލާތް އޮތުން ކަމަށް މޯލޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އަދަދަށް ދެއްވި ބަސްދީގަތުމެއްގައި ފައްޔާޒް ވިދާޅުވީ ރަސްމާލެ މަޝްރޫއު މިހާރު ހިންގަން އުޅޭ ގޮތުގައި ވަރަށް ކަންބޮޑުވާ ނުރައްކާ ކަންތައްތަކެއް ހިމެނެފައިވާ ކަމަށެވެ.
އެގޮތުން ރަސްމާލެއިން ޕްރޮޕަޓީ ނުވަތަ ބިންގަންނަ ފަރާތްތަކުން 99 އަހަރުން 99 އަހަރުން އެއްބަސްވުން އައުކޮށް ދުނިޔެ އުމުރަށް އެތަނުގެ މިލްކުވެރިކަން ލިބޭގޮތަށް އުތުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
އިތުރު ތަފްސީލް ދެއްވަމުން ފައްޔާޒް ވިދާޅުވީ ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްކަށް އެތަން ލިބެނީ 99 އަހަރަށް ކަމަށް ބުނި ނަމަވެސް އެ ތަން ގަންނަ ވފަރާތުން އެހެން ފަރާތަކަށް ވިއްކާލާ ދުވަހުން ފެށިގެން އަނެއްކާވެސް 99 އަހަރު އެ ގަންނަ ފަރާތަށް ލިބޭ ކަމަށެވެ.
އަދި އެކަން ސަރުކާރުން ހުއްޓުވާނެކަމަށް ބުނި ނަމަވެސް އެކަމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި އެއްބަސްވުންތަކުގައި ނުހިމެނޭ އެކަހަލަ ކަންކަން ކުރާނެ ކަމަށް ސަރުކލާރުން ބުނިނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ.
އިތުރަށް ފައްޔާޒް ވިދާޅުވީ ވަކި ދީނެއް ނުބަލައި ކޮންމެ ދީނެއްގެ މީހަކަށްވެސް ރަސްމާލެ ބިން ވިއްކި ނަމަވެސް އެފަރާތްތަކުން ދުނިޔެ އުމުރަށް އެ ތަނުގެ މިލްކުވެރިކަން ނަގައިގެން ތިބޭ ތިބުމުގައި އެމީހުންގެ ދީނީ ހައްގުތައްވެސް އެ މައްޗަށް އުފަން ކުރުވާނެ ކަމަށާއި، އެދަފަ ހާލަތެއްގައި ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް އެކަންކަމާ ޗެލެންޖު ނުކުރެވޭނެ ކަމަށެވެ.
މިސާލު ޖައްސަވަމުން ފައްޔާޒް ވިދާޅުވީ ޔަހޫދީން ވިޔަސް ހިންދޫއިން ވިޔަސް ކްރިސްޓިއަނުންވިޔަސް ނުވަތަ އޭތީސްޓުންވިޔަސް ރަސްމާލެ ބިން އެ ފަރާތްތަކުން ގަތުމަށްފަހު ދާއިމަށް އެއްބަސްވުން އާވެ އާވެ އޮންނަ ހިނދު އެ ފަރާތްތަކުގެ އިންސާނީ ހައްގުތަށް އެމަށްޗަށް ހިންގަން އެފަރާތްތަކުން މީގެ އަހަރު ތެކެއް ފަހުން މަސައްކަތް ކުރާނެ ކަމަށެވެ.
އެގޮތުން އެފަރާތްތައް ނިސްބަސްވާ ގައުމު ތަކަކީ ދުނިޔޭގެ ބާރުހިނގާ ގައުމުތަކަށް ވާހިނދު އެ ފަރާތްތަކުގެ ހައްގުތަށް ހޯދުމަށް އެ ގައުމުތަކުންވެސް އިސްނަގާނެ ކަމަށާއި އެފަދަ ކަމެއް ކުރިމަތިވާ ހިނދު ރައްޖެ ފަދަ ގައުމަކުން އެކަމާ ކުރިމަތިލާނީ ކިހިނަކުންތޯވެސް ފައްޔާޒް ވަނީ ސްވާލު އުފައްދަވާފައެވެ.
އެހެންކަމުން އެއްބަސްވުން އާވެ އާވެ އޮންނަ ގޮތަށް މުސްލިމުން ނޫން ބަޔަކަށް އެ ބިން ވިއްކުމަކީ ވަރަށް ބިރުވެރި އަދި ކަންބޮޑުވާ ކެމެއް ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.







