އީގަލް ހިލްސް ޕްރޮޖެކްޓުގެ ވަށައިގެންވާ ހުރިހާ ކަމެއް ހާމަކޮށްފައި މެނުވީ ޕްރޮޖެކްޓު ކުރިއަށްގެންދަން ގާނޫނުން މަޖުބޫރު ނުކުރަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ގޮވާލައްވައިފި އެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ބިމުން ބޮޑު ބައެއް ދީފައިވާ މައްސަލާގައި އިނގިރޭސިބަހުން ނެރެފައިވާ ބަޔާނުގައި ފައްޔާޒް ވިދާޅުވެފައިވަނީ އެ އެއްބަސްވުމަކީ އެތައް ބައިވަރު ސުވާލުތަކެއް އުފެދޭގޮތަށް ސިއްރުން ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.
ބިދޭސީންނަށް ރާއްޖޭގެ ބިން އެއްވެސް ސިފައެއްގައި މިލްކު ކުރެވޭ ގޮތަށް އެ އެއްބަސްވުމުގައި އޮތްކަމަށް އުފައްދާފައިވާ ސުވާލުތަކަށް ސަރުކާރުން ޖަވާބުދެއްވައި އެއްބަސްވުން ރައްޔިތުންނަށް ހާމަކުރަންވެސް ފައްޔާޒުގެ ބަޔާނުގައި ސަރުކާރަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ފައްޔާޒުވަނީ އެ އެއްބަސްވުމާގުޅޭ ކަންބޮޑުވުންތަކެއް ހާމަކޮށްފައެވެ.
އެގޮތުން ބިން މިލްކު ކުރެވުމާމެދު ކުރެވޭ ސުވާލުތަކަށް ސަރުކާރުން ޖަވާބުދާރީ ވުމާއި، އީގަލް ހިލްސް އަށް ދީފައިވާ 500 ހެކްޓަރު ބިމުގެ އަގުމަގު ކުރުމާއި، އެހާ ބަލިކަށި އެއްބަސްވުމެއް ސަރުކާރުން ހަދާފައިވާ ސަބަބާއި، އެކަމުގެ ވަށައިގެންވާ ހުރިހާ ކަމެއް ހާމަކޮށްފައި މެނުވީ ޕްރޮޖެކްޓު ކުރިއަށްގެންދަން ގާނޫނުން މަޖުބޫރު ނުކުރުމަށް ފައްޔާޒު ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އަދި އީގަލް ހިލްސްގެ އަތުން ރަސްމާލެ ބިން ގަންނަ ފަރާތްތަކުން 99 އަހަރުގެ ލީސް ހަމަވުމުގެ ކުރިން ރަސްމާލޭގެ ޕްރޮޕަޓީތައް ވިއްކާލައިފި ނުވަތަ ވާރުތައިން ދީފި ނަމަ، އަލުން 99 އަހަރުގެ ކުލީގެ މުއްދަތެއް ފެށޭތީ އެކަމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފައްޔާޒް ވަނީ ފާހަގަކޮށްފައެވެ.







