އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ލިންކް ރޯޑް ޒަމާނީފެންވަރަށް ތަރައްގީކުރަން ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އައްޑޫ ލިންކު ރޯޑުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސަރުޔކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ ޢަބްދުﷲ މުއްތަލިބު އެވެ. ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގް އެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނީ އެ ކުންފުންޏާ ހަވާލުކުރެވުނު މަސައްކަތުގެ ތެރެޢގައި ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ލިންކް ރޯޑް 2 ލޭނުން 4 ލޭނަށް ފުޅާކޮށް، އެ މަގުގެ 12.3 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރާނެ ކަމަށެވެ.
އަދި މިއަހަރުގެ އޭޕްރީލް 8 ވަނަ ދުވަހު އައްޑޫ ލިންކު ރޯޑާއި އެހެން މަގުތަކެއް ތަރައްގީކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކުރި މަސައްކަތުގެ ތެރެއިން ލިންކު ރޯޑް ފިޔަވައި އެހެން މަގުތައް ތަރައްގީކުރުމުގެ މަސައްކަތް އާރްޑީސީ އިން ކުރިއަށްގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އާރުޑީސީ އާއި އެ މަސައްކަތް ހަވާލުކޮށްފައިވަނީ 2028 ވަނަ އަހަރަށް ނިންމާ ގޮތަށެވެ.







