ނައިފަރާއި އޮޅުވެލިފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މަހު 23 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަންގެ ތެރެއިން ޅ. ނައިފަރު، ހިތްވަރު / އަނަސް އަބްދުﷲ (19އ) އާއި އޮޅުވެލިފުށި، ކޮތަރިވިލާ / މުޙައްމަދު މިފްޒާލް (25އ) ހައްޔަރުކޮށްފައި އޮޅުވެލިފުށި ޕޮލިހާއި، ކުރެންދޫ ޕޮލިހާއި، ނައިފަރު ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އަދި އެ 2 މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 43 ކަރުދާސްކޮޅު ފެނިފައިވާކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.93 ގުރާމް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ނައިފަރުގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ނައިފަރުން ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ޅ. އޮޅުވެލިފުށި، ޑައިމްވިލާ / އަޙްމަދު އާދިލް (20އ) ހައްޔަރުކޮސްފައިވާ ކަމަށާއި، މި އޮޕަރޭޝަންގައި އަޙްމަދު އާދިލް ނައިފަރުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 10.79 ގުރާމް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަނަސް ޢަބްދުﷲ އާއި މުޙައްމަދު މިފްޒާލް އަށް ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައި ވާއިރު އަޙްމަދު އާދިލް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.







